ސްޕެނިޝް ލަލީގާގައި 0-4 ގެ ނަތީޖާއަކުން އެސްޕަނިޔޯލް ބަލިކޮށް، ރެއާލް މެޑްރިޑުން 35 ވަނަ ލީގު ތަށި ކާމިޔާބުކޮށްފިއެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް، ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ދިޔައީ އެސްޕަނިޔޯލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ.

ރެއާލްއިން މެޗުގައި ލީޑު ނެގީ 33 ވަނަ މިނެޓުގައެވެ. މި ލަނޑު މާސެލޯގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ. މި ލަނޑަށްފަހުވެސް ރެއާލްއިން ދިޔައީ އެސްޕަނިޔޯލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

އެގޮތުން ރެއާލްއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެސްޕަނިޔޯލްގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައިގެން 42 ވަނަ މިނެޓުގައި ރެއާލްއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި ރޮޑްރިގޯއެވެ.

ރެއާލްއިން ދެވަނަ ހާފް ފަށައިގެންވެސް މޮޅަށް ކުޅެފައިވާއިރު، އެޓީމުން ލީޑު ފުޅާކުރީ 56 ވަނަ މިނެޓުގައެވެ. މި ލަނޑު ކަވަނިންގާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާކޯ އެސެންސިއޯއެވެ. އަދި އެޓީމުން ލީޑު ފުޅާކުރީ 81 ވަނަ މިނެޓުގައި ވިނީސިއަސް ޖޫނިއާގެ އެހީތެރިކަމާއެކު ކަރިމް ބެންޒެމާއެވެ.

މި ނަތީޖާއާއެކު ރެއާލް ވަނީ ކުޅުނު 34 މެޗުން 81 ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމުގެ ފަހަތުން ދެވަނައިގައި އޮތް ސެވިއްޔާއަށް 64 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 61 ޕޮއިންޓެވެ.

މިއީ ލަލީގާގައި އެންމެ ކާމިޔާބު ރެއާލްއިން ކާމިޔާބުކުރި 35 ވަނަ ލީގު ތައްޓަށްވާއިރު، ވާދަވެރި ބާސެލޯނާ ކާމިޔާބުކޮށްފައިވަނީ 26 ލީގު ތަށްޓެވެ. ރެއާލްއިން 24 ފަހަރު ދެވަނައިގައި ލީގު ނިންމާފައިވާއިރު، ބާސާއިން ވަނީ 26 ފަހަރު ދެވަނައިގައި ލީގު ނިންމާލާފައެވެ.