ބައިބަލާ 1443 މުބާރާތުގެ ގަދަ 16 އަށް ހަތް ޓީމު ދަތުރުކޮށްފިއެވެ.

ހެންވޭރު ދޮންވެލި6 ބީޗުގައި މިރޭ ފެށި ބައިބަލާ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީސީ ލަޔަންސް އަދި ރޮކް ސްޓްރީޓް ޒެޑްއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކޮންމެ ޓީމަކުންވެސް އެއް ގޭމު ގެންދިޔުމުން ދެން ކުޅެފައިވަނީ ގަދަ ހިފުމެވެ.

މިގޮތުން، ނަތީޖާ ނެރުމަށް ކުޅުނު ގަދަ ހިފުން ޓީސީއާ ވާދަކޮށް ރޮކް ސްޓްރީޓް އިން ކާމިޔާބު ކޮށްފައިވަނީ ދެ ގޭމް އެއް ގޭމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޮކް ސްޓްރީޓްގެ އަހުމަދު ޝާފިއުއެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ މަސްއޮޑި ވޯވޯ އަދި ކްލަބް އެސްޑީޒެޑްއެވެ. މި މެޗު ސީދާ ދެ ގޭމުން ކާމިޔާބުކޮށްފައިވަނީ މަސްއޮޑިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަސްއޮޑީގެ އަބްދުﷲ ހުމެއިދުއެވެ.

ތިންވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ކްލަބް ޓީނޭޖް އަދި ކްލަބް ވޯންޓެޑްއެވެ. މި މެޗު ސީދާ ދެ ގޭމުން ކާމިޔާބުކޮށްފައިވަނީ ޓީނޭޖްއެވެ. ހަތަރުވަނަ މެޗުގައި ރޮކް ޒެޑްއާ ބައްދަލުކޮށް މެޗު ކާމިޔާބުކޮށްފައިވަނީ ކްލަބް އީގަލްސްއެވެ.

ފަސް ވަނަ މެޗު މަސްއޮޑި ޓައިޓަންސްއާ ބައްދަލުކޮށް ކާމިޔާބުކޮށްފައިވަނީ ބުރު ސްޕޯޓްސް ކްލަބްއެވެ. މި މެޗުގައި ނަތީޖާ ނެރެފައިވަނީ ކޮންމެ ޓީމަކުންވެސް އެއް ގޭމު ގެންދިޔުމުން ގަދަ ހިފުމަކަށް ގޮސްގެންނެވެ.

މިގޮތުން ނަތީޖާ ނެރުމަށް ކުޅުނު ގަދަ ހިފުން މަސްއޮޑިއާ ވާދަކޮށް ބުރުން ކާމިޔާބުކޮށްފައިވަނީ ދެ ގޭމް އެއް ގޭމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބުރުގެ މުހައްމަދު ހަނީފްއެވެ.

ހަވަނަ މެޗުގައި ލިޓިލް ޓައުންއާ ވާދަކޮށް ހުޅުމާލެ ސްޕޯޓްސް ކްލަބް އިން ވަނީ ސީދާ ދެ ގޭމުން މެޗު ކާމިޔާބުކޮށްފައެވެ. އަދި ހަތް ވަނަ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކްލަބް އިން ވަނީ ޓީސީ ފްރެޓާނިޓީއާ ވާދަކޮށް، ސީދާ ދެ ގޭމުން މެޗު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައިވާ ހަތް ޓީމު:

  1. ރޮކް ސްޓްރީޓް ޒެޑް
  2. މަސްއޮޑި ވޯވޯ
  3. ކްލަބް ޓީނޭޖް
  4. ކްލަބް އީގަލްސް
  5. ބުރު ސްޕޯޓްސް ކްލަބް
  6. ހުޅުމާލެ ސްޕޯޓްސް ކްލަބް
  7. ލޮރެންޒޯ ސްޕޯޓްސް ކްލަބް

މުބާރާތުގައި މާދަމާ ރޭ ވެސް މެޗުތައް ކުރިޔަށްދާނެއެވެ. މި ހުރިހާ މެޗެއްވެސް ކުޅޭނީ ހެންވޭރު ދޮންވެލި ބީޗުގައެވެ.