ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ބަދަލުކުރި ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ މި މަހު ފަހު ކޮޅު ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ފިޓް ވާނެ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.

ފަބީނިއޯ އަށް އަނިޔާވީ ލީގުގައި އެސްޓަން ވިލާއާ ވާދަކޮށް 2-1 އިން ލިވަޕޫލް މޮޅުވި މެޗުގައެވެ. މެޗު ތެރެއިން ފަބީނިއޯގެ ފަލަމަސްގަޑަށް އަނިޔާވެ އޭނާ ދަނޑު ބޭލުމާއެކު ލިވަޕޫލްގެ ސަޕޯޓަރުން މާޔޫސްވެގެންދިޔައެވެ. އެއާއެކު އޭނާ އަށް ކުރިއަށް ހުރި މުހިއްމު ފައިނަލްތަކުގައި ކުޅެވިދާނެކަމާއެކު ސުވާލު އުފެދިފައިވަނިކޮށް ކްލޮޕް ވަނީ އެންމެ ފަހުން ލިވަޕޫލްގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް ދީފައެވެ.

މިރޭ ކުޅޭ އިނގިރޭސި އެފްއޭ ކަޕް ފައިނަލުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކްލޮޕް ބުނީ ޔަގީނުންވެސް ޗެމްޕިއަންސް ލީގު ފައިނަލަށް ފަބީނިއޯ ފިޓްވާނެ ކަމަށެވެ. އަދި ފަބީނިއޯގެ އަނިޔާ ސީރިއަސްއެއް ނޫން ކަމަށާއި އޭނާ ހުރީ ރަނގަޅަށް ކަމަށް ކްލޮޕް ބުންޏެވެ.

" ހަމަ ޔަގީނުންވެސް ޗެމްޕިއަންސް ލީގު ފައިނަލަށް ފަބީނިއޯ ފިޓްވާނެ. އޭގެ ކުރިން ޗެލްސީއާ ވާދަކުރަން އޮތް މެޗަށް ވެސް ފިޓް ވެދާނެ. އޭނާ ހުރީ ރަނގަޅަށް. އޭނާ އަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް. އަނިޔާގެ ސަބަބުން ހިތްހަމަނުޖެހުނު ނަމަވެސް އޭނާ އަންނަނީ އެކަމުން އަރައިގަންނަން މަސަތްކަތް ކުރަމުން. އަހަރެމެން އެންމެންވެސް މިތިބީ ވަރަށް ޕޮޒިޓިވްކޮށް،" ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އެއް ކުޅުންތެރިއަކީ ފަބީނިއޯއެވެ. ގަވައިދުން އެއް ލެވެލް އެއްގައި ކުޅުން ދަމަހައްޓަމުން އަންނަ ފަބީނިއޯ ވަނީ މިސީޒަނުގައި ލިވަޕޫލަށް މިހާތަނަށް 47 މެޗު ކުޅެދީ އަށް ގޯލް ޖަހައިދީފައެވެ.

އެފްއޭ ކަޕުގެ ފައިނަލުގައި މިރޭ ޗެލްސީއާ ލިވަޕޫލް ވާދަކުރާއިރު ސީޒަނުގެ ހަތަރު ތަށި ވެސް ކާމިޔާބު ކުރުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. ލިވަޕޫލުން ވަނީ މިދިޔަ ޖެނުއަރީ މަހު ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ކަރަބާއޮ ކަޕް ކާމިޔާބުކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެއް ކޮޅުން ލިވަޕޫލް ވާދަކުރާއިރު މެންޗެސްޓަ ސިޓީގެ ފަހަތުން އެ ޓީމުން އަންނަނީ ޕްރިމިއަ ލީގަށް ވެސް ވާދަކުރަމުންނެވެ.