އަންނަ އަހަރު ޗައިނާގައި ބާއްވަން ހަމަޖެހިފައި އޮތް އޭޝިއަން ކަޕް ކޮވިޑާ ގުޅިގެން އެގައުމުގައި ބޭއްވެން ނެތް ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

އޭޝިއާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ފުރުސަތު ޗައިނާ އަށް އޭޝިއާގެ ފުޓްބޯޅަ މައި އިދާރާ (އޭއެފްސީ)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އިން ދިނީ 2019 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އެހެންނަމަވެސް، އެގައުމުގައި ކޮވިޑުގެ ހާލަތު ރަނގަޅު ނުވާތީ މުބާރާތް ހޮސްޓް ކުރެވެން ނެތް ކަމަށް ނިންމައި އެގައުމުން ވަނީ އެކަން އޭއެފްސީ އަށް މިއަދު އަންގައިފައެވެ.

ޗައިނާގައި މުބާރާތް ބާއްވަން ނިންމާފައި އޮތީ އެގައުމުގެ 10 ސިޓީއެއްގަ އެވެ. މުބާރާތުގެ ލޯގޯ ވެސް ދައްކާލާފައިވާއިރު މުބާރާތަށްޓަކައި ވަނީ އެގައުމުގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ޝަންގްހާއީގައި " ޝަންގްހާއީ ޕުޑޮންގް ފުޓްބޯލް ސްޓޭޑިއަމް " ގެ ނަމުގައި މުޅިން އާ ފުޓްބޯޅަ ދަނޑެއްވެސް ހުޅުވައިފައެވެ.

ޗައިނާ އިން އޭޝިއަން ކަޕް ހޮސްޓް ނުކުރަން ނިންމި ނިންމުން އޭއެފްސީން ބަލައިގެންފައިވާއިރު މުބާރާތް ދެން ބާއްވާނެ ގައުމެއް އަދި އެ އިދާރާ އިން ކަނޑައަޅާފައެއް ނުވެއެވެ.

އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން އެންމެ ފުރިހަމަ ގޮތުގައި މުބާރާތް ބޭއްވެން ނެތުމުން މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ރައްކާތެރިކަމަށްޓަކައި ޗައިނާ އިން މުބާރާތް ހޮސްޓް ނުކުރުމަށް ޗައިނާ އިން ނިންމި މަޖުބޫރީ ނިންމުން ބަލައިގަންނަ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 8 އިން ފެށިގެން 14 އާ ދެމެދުގައެވެ. މުބާރާތުގައި 24 ގައުމެއް ވާދަކުރާއިރު މިހާތަނަށް މުބާރާތަށް ކޮލިފައިވެފައިވަނީ 13 ގައުމެކެވެ.

އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕަކީ މީގެ 18 ވަނަ މުބާރާތެވެ. 66 އަށް ވުރެ ދިގު މާޒީއެއް އޮތް މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ގަތަރެވެ.