ފްރާންސްގެ ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަކީ ތަރިންގެ ޓީމެކެވެ. ދުނިޔޭގެ އެންމެ އަގުބޮޑު އެއް ސްކޮޑު އޮތް ޓީމެވެ. މުޅި ޔޫރަޕުގައިވެސް އެންމެ ބޮޑު މުސާރައެއް ނަގާ ކުޅުންތެރިން ތިބި ޓީމެވެ. މަޝްހޫރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ އަގުބޮޑު ސްކޮޑެއް އޮތަސް އާދައިގެ މަތިން މިސީޒަން ވެގެންދިޔައީ ވެސް ޕީއެސްޖީ އަށް ނާކާމިޔާބު އަދި ކްލަބުގެ ސަޕޯޓަރުން މާޔޫސްކޮށްލި ސީޒަނަކަށެވެ.

ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓް ގްރޫޕުން 2011 ވަނަ އަހަރު ޕީއެސްޖީ ގަތް ހިސާބުން ފެށިގެން އެ ކްލަބުގެ މައިގަނޑު އަމާޒަކަށްވެފައި އޮތީ ޔޫރަޕުގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގް ކާމިޔާބުކުރުމެވެ. މިއަދާ ހަމައަށްވެސް އެ އަމާޒު އިނީ ހުވަފެނެއް ގޮތުގައެވެ. ފާއިތުވެދިޔަ 10 އަހަރު ތެރޭ އަށްވަނަ ފަހަރަށް ޕީއެސްޖީން މިސީޒަނުގައި ލީގު އުފުލާލި އެވެ. އެހެންނަމަވެސް ހަމައެކަނި ލީގު ކާމިޔާބުކޮށްގެން ކްލަބުގެ ސަޕޯޓަރުން ރުއްސައެއް ނުލެވޭނެއެވެ.

މި ސީޒަނާ ޕީއެސްޖީން ކުރިމަތިލީ މަޝްހޫރު ގިނަ ތަރިންގެ ސޮއި ހޯދައި ވަރުގަދަ ސްކޮޑަކާއެކު އެވެ. ޕީއެސްޖީ އަށް އަލަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ރެކޯޑް ހަތް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ އާޖެންޓީނާގެ ލިއޮނެލް މެސީއާއި ހަތަރު ފަހަރު ޗެމްޕިއަންސް ލީގް ހޯދަފައިވާ ސްޕެއިންގެ ސާޖިއޯ ރާމޮސްއާއި އިޓަލީގެ މިދިޔަ އަހަރު އޮތް ޔޫރޯ ނަގައި މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ކީޕަރު ގިއަންލުއީޖީ ޑޮންނަރުމާ ހިމެނެއެވެ.

ގިނަ ބަޔަކު ހީކުރީ ތަރިންގެ ޓީމެއް ގޮވައިގެން ނުކުމެ ކޯޗް ޕޮޗެޓީނޯ ޕީއެސްޖީ އަށް ސީޒަނުގެ ހުރިހާ މުބާރާތެއް ނަގައިދޭނެ ކަމަށެވެ. އެހެންނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. ވާދަވެރި ރެއާލުން ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގައި ފަހަތުން އަރައި ޕީއެސްޖީ ބަލިކޮށް އެ ޓީމު ލަދުގަންނަވާލައިފައެވެ. ފްރެންޗް ކަޕްގެ ގަދަ ސޯޅައިން ވެސް ކަޓައިގެންދިޔައީއެވެ.

ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓުމުން ކްލަބުގެ ރައީސް ނާސިރު އެލް ހެއްލާފީ، މަގާމުން އިސްތިއުފާ ދޭންޖެހޭ ކަމަށް އެ ކްލަބުގެ އަލްޓްރާ ސަޕޯޓަރުންގެ ގުރޫޕުން ގޮވާލައި ޓީމުގެ ގިނަ ކުޅުންތެރިންނާ ދެކޮޅަށް ސަޕޯޓަރުން ވަނީ ދަނޑުގައިވެސް އެތައް ފަހަރަކު ޝުއޫރު ފާޅުކޮށްފައެވެ.

މިހާލަތަށް ކްލަބުގެ ޙާލަތުދިޔައިރު ކްލަބުގެ ކުރިމަގާ ބެހޭގޮތުން ވާހަކަ ދައްކަމުން ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ ކްލަބުގެ މިސްރާބު ހުރީ ރަނގަޅު ދިމާއަކަށް ކަމަށެވެ. ފްރާންސްގެ މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި ޕޮޗެޓީނޯ ބުނީ ޕީއެސްޖީއަކީ ބޮޑު ކްލަބެއް ކަމަށާއި ސީޒަނާ ކުރިމަތިލީ ހުރިހާ ތައްޓެއް ހޯދުމުގެ އަމާޒުގައި ކަމަށެވެ. އަދި ކްލަބަށް މިހާރު އޮތީ ހެދުނު ގޯސްތަކުންނާއި ލިބުނު ތަޖުރިބާތަކުން ފިލާވަޅު ނަގައި ކުރިއަށް ދިއުން ކަމަށް ޕޮޗެޓީނޯ ބުންޏެވެ.

"ޕީއެސްޖީގެ މިސްރާބު ހުރީ ރަނގަޅު ދިމާއަކަށް. އަހަންނަށް ފެންނަ ފެނުމުގައި މާގިނަ ދުވަސްތަކެއް ނެތް ޕީއެސްޖީން އަމާޒު ހިފާފައިވާ ކަންކަން ކްލަބަށް ހާސިލްވާކަށް. މުހިއްމު ކަމަކީ ކާމިޔާބީ ހޯދޭނެ ވަރުގެ ޓީމެއް ބިނާކުރުން. އަހަރެމެންނަށް އޮތީ ހެދުނު ގޯސްތަކުންނާއި ތަޖުރިބާއިން ފިލާވަޅު ނެގުން،" ޕޮޗެޓީނޯ ބުންޏެވެ.

ޕީއެސްޖީގެ ކޯޗުގެ ވާހަކަ ހުރީ މިގޮތަށެވެ. އެކަމަކު ހަގީގަތުގައިވެސް ޕީއެސްޖީގެ މިސްރާބު ހުރީ ރަނގަޅު ދިމާއަކަށް ހެއްޔެވެ؟ ކްލަބްގެ އެންމެ މުހިއްމު ކުޅުންތެރިއާ ކީލިއަން އެމްބާޕެ ސްޕެއިންގެ ރެއާލަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ އަހަރު އެމްބާޕެގެ ސޮޔަށް ރެއާލުން 150 މިލިއަނަށްވުރެ ބޮޑު އަގުތަކެއް ހުށަހެޅިއެވެ. އެމްބާޕެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން އޭނާ އަށް އަހަރަކު 50 މިލިއަން ޕައުންޑްގެ މުސާރައެއް ލިބޭ ކޮންޓްރެކްޓެއް އެތައް ފަހަރެއްގެ މަތިން ޕީއެސްޖީން ހުށަހަޅައިފިއެވެ. އެމްބާޕެ ކޮންޓްރެކްޓް އާ ނުކޮށްފިނަމަ ޕީއެސްޖީން އޭނާ ދޫކޮށްލަން ޖެހޭނީ އެއްވެސް އަގެއް ނުލިބިއެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެމްބާޕެ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެއެވެ. އެމްބާޕެ ޕީއެސްޖީގައި ބެހެއްޓުމަކީ އެ ކްލަބަށް މުހިއްމު ކަމެކެވެ. އުމުރުން އަދި އެންމެ 23 އަހަރުގެ ފޯވަޑަކީ ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ކުރިއަށް އޮތް 10 ވަރަކަށް އަހަރު ކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު އިއްތިފާގުވާ ކުޅުންތެރިއާ އެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވެސް ވަނީ ޕީއެސްޖީގައި މަޑުކުރުމަށް އެމްބާޕެ ގާތު އެދިފައެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ޕީއެސްޖީގެ މައްސަލަ އަކީ ޕޮޗެޓީނޯ އެވެ. ޕޮޗެޓީނޯ އަކީ ކާމިޔާބު ވަނަވަރެއް އޮތް ކޯޗެއް ނޫނެވެ. އޭނާ ކުރިން އިރުޝާދު ދިން އިންގްލަންޑުގެ ޓޮޓެންހަމް ހޮޓްސްޕާސްއާއެކު ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ އެ ޓީމު ގޮވައިގެން ޗެމްޕިއަންސް ލީގު ފައިނަލަށް ދިއުމެވެ. މިސީޒަނަށްފަހު ޕޮޗެޓީނޯ މަގާމުން ވަކިކުރަން ޕީއެސްޖީން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޕީއެސްޖީގެ ކޯޗުކަމާ ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް އަދި ރެއާލް މެޑްރިޑާއެކު ތިން ފަހަރު ޗެމްޕިއަންސް ލީގު އުފުލާލި ޒިނެދިން ޒިދާން ހަވާލުވާން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ އަރައިފައެވެ.

ކޮންމެއަކަސް ޕީއެސްޖީގައި ބައިވަރު މައްސަލަތަކެއް އެބަހުއްޓެވެ. އެކަމާ ދެބަސްވާނެ މީހަކު ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. ފުޓްބޯޅަ އަށް ލޯބިކުރާ އެންމެންވެސް ދެކެން ބޭނުންވަނީ ފްރާންސްގައި މިހާރު އޮތް އެންމެ ވަރުގަދަ ފުޓްބޯޅަ ކްލަބުގެ ހައިސިއްޔަތުން ޕީއެސްޖީ ޔޫރަޕުގައިވެސް ރަނގަޅު ވާދައެއް ކުރާތަނެވެ.