މިދިޔަ ހަފުތާގައި ކުޅުނު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލް މެޗުގައި އަނިޔާވެގެން ދަނޑުން ބޭލި މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް އަދި ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކުގެ ހާލު ރަނގަޅު ކަމަށާއި މާދަމާ ރޭ ޕްރިމިއަ ލީގުގެ ފަހު މެޗުގައި ވުލްވްސްއާ ވާދަކުރާ މެޗުގައި މި ދެ ކުޅުންތެރިން ފެނިދާނެ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފިއެވެ.

ލީގުގައި ކުޅޭ ފަހު މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކްލޮޕް ބުނީ ވެން ޑައިކް އަދި ސަލާހުގެ ވެސް ހާލު ރަނގަޅު ކަމަށެވެ. އަދި މާދަމާގެ މެޗުގެ ކޮންމެވެސް ހިސާބަކުން މި ދެ ކުޅުންތެރިން ވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންނަމަވެސް ރިސްކް ނަގާނީ ވަރަށް ބޮޑަށް ބަލާފައި ކަމަށް ކްލޮޕް ބުންޏެވެ.

" ސަލާހް ބޭނުމެއް ނުވޭ ރިސްކެއް ނަގާކަށް. އަހަރެން ބޮޑަށް ބުރަވާ ހައްލަކީ މާދަމާގެ މެޗުގައި މި ދެ ކުޅުންތެރިން ކުޅުން. އެއީ ޗެމްޕިއަންސް ލީގް ފައިނަލްގެ ކުރިން އެ "ރިދަމް" ހިފަހައްޓަން. އެ އަދި ބެންޗުގައި ބައިންދައިގެން ވަކި ހިސާބަކުން އަރުވާ ގޮތަށް ނަމަވެސް. އެކަމަކު، އަހަންނަށް ވެސް ޔަގީންކަމާއެކީ އަދި ބުނާކަށް ނޭނގެ. " ކްލޮޕް ބުންޏެވެ.

ލިވަޕޫލުން އެންމެ ފަހުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ސަލާހު އަދި ވެން ޑައިކް ވަނީ ބައިވެރިވެފައެވެ. ސީޒަނުގެ ހަތަރު މުބާރާތް ކާމިޔާބުކުރުމުގެ ހުވަފެން ދެކެމުން އަންނަ ލިވަޕޫލަށް ލީގު ލިބެން އޮތީ ވުލްވްސް އަތުން ލިވަޕޫލް މޮޅުވެ އެސްޓަން ވިލާ އަތުން މެންޗެސްޓަ ސިޓީ ބަލިވެގެން ނުވަތަ އެއްވަރު ވެގެންނެވެ. ސިޓީ ލީގުގެ އެއްވަނައިގައި އޮތީ އެއް ޕޮއިންޓުގެ ލީޑެއްގައެވެ.