ޕީއެސްޖީގައި ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ މަޑު ކުރަން ނިންމި ނިންމުމަކީ ފުޓުބޯޅައަށް ކުރި ފުރައްސާރައެއް ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުގެ ހުށަހެޅުމަށް ނޫނެކޭ ބުނެ، ޕީއެސްޖީގައި މަޑުކުރަން އެމްބާޕޭ ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނަމުން އަންނަ މި ދަނޑިވަޅުގައި ޓެބާސް ވިދާޅުވީ، އެމްބާޕޭގެ ޕީއެސްޖީގައި މަޑުކުރުވުމަކީ ފުޓުބޯލައަށް ކުރެވިގެންދިޔަ ފުރައްސާރައެއް ކަމަށެވެ.

މިގޮތުން ޕީއެސްޖީން އެމްބާޕޭގެ އެއްބަސްވުން އާކުރަން އުޅެނީ އޭނާއަށް މާލީގޮތުން ގިނަ ފައިދާވާ ގޮތަށް ކަމަށާއި، މިއީ ކުރެވިގެންވާނެ ކަމެއްވެސް ނޫން ކަމަށެވެ. އަދި ޕީއެސްޖީގެ ނާސިރު އެލް-ހެއްލާފީ އަކީ "ސުޕަ ލީގް" ފަދަ ނުރައްކަލެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރިޔަށް އޮތް ސީޒަނަށް އެމްބާޕޭ ރެއާލްއަށް ބަދަލުވާނެ ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފައެވެ. އެގޮތުން އެކަމާ ގުޅޭ ގިނަ ރިޕޯޓްތައް ނޫސްތަކުން ދިޔައީ ކުރަމުންނެވެ. ނަމަވެސް އެމްބާޕޭ ރެއާލްއަށް ބަދަލުވުމުގެ ހިޔާލު ބަދަލުވީ އޭނާއަށް ފައިސާގެ ބޮޑެތި އަދަދުތަކެއް ހުށަހެޅުމުން މިއަދުގެ ވަގުތެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހު ހަމަވާއިރު، އޭނާ އެ ކްލަބާއެކު ސޮއިކުރާ އާ އެއްބަސްވުމާއެކު 2025 ވަނަ އަހަރުގެ ނިޔަލަށް ކްލަބުގައި މަޑު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި އެއްބަސްވުމުގައި ގިނަ ބޯނަސްތަކެއް އެކުލަވާލާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފްރާންސްގެ މޮނާކޯ އިން ފުޓުބޯޅަ ކެރިޔަރު ފެށި އުމުރުން 23 އަހަރުގެ އެމްބާޕޭ ޕީއެސްޖީއަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު ފަސް ސީޒަނުގައި 216 މެޗު ކުޅެ، 168 ލަނޑު ކާމިޔާބުކޮށްފައެވެ.

ފްރާޏްސް ގައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕް އަދި ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައިވާ އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު ހަތަރު ލީގު ތަށިވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަންބެ

    ހާވިއޭ ޓެބާސްގެ ބޮލުގެ ފަތްކޮޅު ގޮސް ތަލަވި އިރުވެސް ނޭނގުނު.ދޯ ކުޅުންތެރިން ދުވާނީ ފައިސާގެ ފަހަތުން ކަމެއް؟

  2. ނައުޓީގެ ބަފާ

    ރެއާލް އެއީ ކުޑަ ކްލަބެއް.

    1
    1