އާސެނަލް އިން ރިލީޒް ކޮށްލުމުން ފޯވަޑް އެލެގްޒަންޑާ ލަކަޒެޓް އޭނާގެ ކުރީގެ ކްލަބް ފްރާންސްގެ އޮލިމްޕިކް ލިޔޯންއާ ގުޅިއްޖެއެވެ.

އާސެނަލްއާއެކު ލަކަޒެޓް ހަދާފައި އޮތް އެއްބަސްވުން ހަމަވާން އޮތީ މި މަހުގެ ނިޔަލަށެވެ. ލަކަޒެޓް އަށް އިތުރު ކޮންޓްރެކްޓެއް ދޭން އާސެނަލުން ބޭނުންނުވި އިރު އޭނާ ވެސް ބޭނުންވީ ކްލަބް ދޫކުށްލާށެވެ. ފޯމު ގެއްލި ލަކަޒެޓް އަށް ފަހުން އައިސް އާސެނަލްގެ ފުރަތަމަ އެގާރައިން ވެސް ޖާގަ ނުލިބޭއިރު ނިމިދިޔަ ސީޒަނުގައި ޕްރިމިއަ ލީގުގައި އޭނާ ޖެހީ އެންމެ ހަތަރު ގޯލެވެ.

ލަކަޒެޓް ލިޔޯންއާ ގުޅުނުކަން އެ ކްލަބުން ވަނީ އިއުލާނުކޮށްފައެވެ. އޭނާ އެ ކްލަބަށް ސޮއިކުރީ ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ލަކަޒެޓް އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ ވެސް ލިޔޯން އިންނެވެ. ލިޔޯންގެ ބީ ޓީމަށް ކުޅުމަށްފަހު ސީނިއާ ޓީމަށް 2010 ވަނަ އަހަރު ޕްރޮމޯޓްވެ އޭނާ ވަނީ ސީނިއާ ޓީމަށް 275 މެޗު ކުޅެ 129 ގޯލް ޖަހައިދީފައެވެ. ލިޔޯންއާއެކު ލަކަޒެޓް ވަނީ ފްރެންޗް ލީގުގެ ރަން ބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.

ލިޔޯންގައި 2016 ވަނަ އަހަރުގެ ސީޒަނުގައި ދެއްކި ތަފާތު މޮޅު ކުޅުމާއެކު އާސެނަލްގެ ސަމާލުކަން ލިބި މީގެ ފަސް އަހަރު ކުރިން ލަކަޒެޓް އާސެނަލް އަށް ބަދަލުވީ އޭރުގެ ކްލަބް ރެކޯޑު ފީ އެއް ކަމަށްވާ 46 މިލިއަން ޕައުންޑަށެވެ. އާސެނަލް އަށް ބަދަލުވެ ލަކަޒެޓް ވަނީ މިވީ ފަސް އަހަރުގެ ތެރޭ އެ ކްލަބާއެކު އެފްއޭ ކަޕް އެއްފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ލަކަޒެޓްގެ ރިޕްލޭސްމަންޓުގެ ގޮތުގައި އާސެނަލުން އަންނަނީ މެންޗެސްޓަ ސިޓީގެ ފޯވަޑް ގެބްރިއެލް ޖެސުސް ހޯދުމަށް މަސަތްކަތް ކުރަމުންނެވެ. ޖެސުސް އަށް މާކެޓުގައި ބޮޑު ޑެމާންޑެއް އޮތްއިރު އޭނާ އަށް ރެއާލް މެޑްރިޑާއި އިންގްލަންޑުގެ ޗެލްސީ އަދި ޓޮޓެންހަމުންވެސް އަންނަނީ ފާރަލަމުންނެވެ.