ސެނަގާލްގެ ފޯވާޑް ސާޑިއޯ މާނޭ ހޯދުމަށް ބަޔާން މިއުނިކް އިން ހުށަހެޅި ދެވަނަ ބީޑްވެސް ލިވަޕޫލްއިން ރިޖެކްޓް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބަޔާން އިން މާނޭ ހޯދުމަށް އެންމެ ފުރަތަމަ 21 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައިވާއިރު، ފަހުން ހުށަހަޅާފައި ވަނީ 30 މިލިއަން ޕައުންޑުގެ ބިޑެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ރިޕޯޓްތައް ބުނާގޮތުން މި ދެ ބިޑްވެސް ލިވަޕޫލްއިން ވަނީ ރިޖެކްޓް ކޮށްފައެވެ.

ރިޕޯޓްތައް ބުނަމުން އަންނަ ގޮތުގައި ލިވަޕޫލް ދޫކޮށްލަން މާނޭ އަންނަނީ ވިސްނަމުންނެވެ. އެގޮތުން އަންނަ ސީޒަނުގައި އޭނާ އެހެން ކްލަބަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނވެ.

މީގެއިތުރުން، ދާދި ފަހުން ކުރިމަގާ ގުޅޭ ގޮތުން މާނޭ ބުނީ، އޭނާ އަންނަ ސީޒަނުގައި ލިވަޕޫލް އިން ފެންނަން ސެނަގާލް ސަޕޯޓަރުން ނޭދޭ ނަމަ ކްލަބް ބަދަލު ކުރާނެ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެއީ މަޖަލަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެފައެވެ.

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2019 ވަނަ އަހަރު ހޯދާފައިވާ މާނޭ އަންނަނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން މިދިޔަ ސީޒަނުގައިވެސް އޭނާ ވަނީ އެޓީމަށް ކުޅުނު 51 މެޗުގައި 23 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.

މީގެއިތުރުން މިދިޔަ ސީޒަނުގައި ލިވަޕޫލްއާއެކު އެފްއޭ ކަޕް އަދި ކަރަބޯ ކަޕް ކާމިޔާބުކޮށްފައިވާ މާނޭ ވަނީ އެޓީމާއެކު ޕްރިމިއާ ލީގުގެ ދެވަނަވެސް ހޯދާފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ސެނަގާލްއާއެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައެވެ.