އއ.އުކުޅަހުގައި ބާއްވާ ވެސްޓަން ޔޫތު ޗެސް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މި މަހުގެ 15 އިން 23 ގެ ނިޔަލަށް އުކުޅަހުގައި ބާއްވާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ، ބާކިސްތާން، އުޒްބެކިސްތާން، ކިރިޖިސްތާން އަދި ކަޒަކިސްތާންގެ ޒުވާން ޗެސް ކުޅުންތެރިން ބައިވެރިވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދިރާގުގެ އެސިސްޓެންޓް މެނޭޖާ ބްރޭންޑް ނައިޔާ ޝަރީފް ވިދާޅުވީ، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ވުމަކީ ލިބުނު އުފަލެއް ކަމަށާއި، އަދި ކުރިއަރަމުން އަންނަ މި ކުޅިވަރަށް އެއްބާރުލުން ދެވުމަކީ ލިބުނު އިތުރު އުފަލެއް ކަމަށެވެ.

"މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް. އެ ކުޅުންތެރިންނަށް ފުރިހަމަ ކާމިޔާބީއަށް އެދެން" ދިރާގުގެ އެސިސްޓެންޓް މެނޭޖާ ބްރޭންޑް ނައިޔާ ޝަރީފް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޗެސް އެސޯސިއޭޝަންގެ ރައީސް ހުސެއިން ޝައިޔާން ވިދާޅުވީ، ރާއްޖޭގެ ޗެސް ކުރިއެރުވުމަށް ދިރާގުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށާއި، ކުރިޔަށް އޮތްތަނުގައި ވެސް މި ކުޅިވަރު ދިރުވައި އާލާ ކުރުމަށް ދިރާގާއެކު އިތުރު އެއްބަސްވުންތައް ހެދިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ދިރާގު އަންނަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅުންތެރިން އުފެއްދުމަށް އެކި ކުޅިވަރު އެސޯސިއޭޝަންތަކާއެކު އެއްބަސްވުންތައް ހަދައި، އެކި ގޮތް ގޮތުން އެހީތެރިވަމުންނެވެ.