ވެސްޓަން އޭޝިއާ ޖޫނިއާ ޗެސް ޗެމްޕިއަންޝިޕްގެ ސްޓޭންޑާޑް ޓޯނަމަންޓްގައި ރާއްޖޭގެ މުޖާހިދު ބިން އަޒީދު ބަންގްލަދޭޝްގެ މަނޯން ރީޖާ ނިރްއާ ބަލިކޮށްފިއެވެ.

އއ. އުކުޅަހުގައި ކުރިޔަށްދާ މި މުބާރާތުގެ ސްޓޭންޑާޓް ޓޯނަމަންޓްގެ އޯޕަން 18 އަހަރުން ދަށުގެ ބައިގައި ކުޅުނު ފުރަތަމަ މެޗުން މުޖާހިދު ކުރިހޯދީ ބަންގްލަދޭޝްގެ ކެންޑިޑޭޓް މާސްޓާ އަތުންނެވެ.

ސްޓޭންޑާޓް ރައުންޑުގައި ޖުމްލަ ނުވަ ރައުންޑެއް ކުޅޭއިރު، ހުރިހާ ރައުންޑެއްގެ ކުޅުން ނިމޭނީ އަންނަ ބުދަ ދުވަހުއެވެ. އަދި މުބާރާތް ނިމޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އުމުރުން 16 އަހަރުގެ މުޖާހިދު ވަނީ އެންމެ ފަހުން ބޭއްވި ގައުމީ ޗެސް މުބާރާތުގެ ތިންވަނަ ހޯދާފައެވެ.

ރާއްޖޭގެ އިތުރުން ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ، ބާކިސްތާން، އުޒްބެކިސްތާން، ކިރިޖިސްތާން އަދި ކަޒަކިސްތާންގެ ޒުވާން ޗެސް ކުޅުންތެރިން ބައިވެރިވާ މި މުބާރާތް ކުރިޔަށް ގެންދަނީ ޖުމްލަ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ރެޕިޑް ރައުންޑް، ސްޓޭންޑާޑް ޗެސް ރައުންޑް އަދި ބީޗް ބްލިޓްޒް ރައުންޑެވެ.

އޭގެ ތެރެއިން މިހާތަނަށް ރެޕިޑް ރައުންޑް މިދިޔަ ބުރާސްފަތި ދުވަހު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ސްޓޭންޑާޑް ޗެސް ރައުންޑެވެ. އަދި ބީޗް ބްލިޓްޒް ރައުންޑް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.