ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރަނގަޅު ހިސާބަކަށް އާދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ.އުކުޅަހުގައި މިއަދު ފެށޭ ވެސްޓަން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް މާލެއިން ފުރި ދިވެހި ޗެސް ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އެކި އުމުރުފުރައިގެ މީހުނަށް ކުޅެވޭ އެކިއެކި ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީ އެ ކުޅިވަރުތައް ތަރައްގީ ކުރުމަށްޓަކައި ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުސަތު ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ގެންގުޅޭ އެއް ސިޔާސަތަކީ ރާއްޖޭގައި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ކަމަށެވެ.

މިގޮތުން ރާއްޖޭގައި ބޭރުގެ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ދިވެހި ކުޅުންތެރިންނަށް އޭގެ ފައިދާ ކުރާނެ އަދި ދިވެހިރާއްޖޭގައި އެ ކުޅިވަރެއް ތަރައްގީ ކުރުމަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސިފަކުރައްވާފައެވެ.

ވެސްޓަން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕުގައި ނުވަ ޤައުމަކުން 8 އަހަރާ 18 އަހަރާ ދެމެދު 160 ޗެސް ކުޅުންތެރިން ބައިވެރިވާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް މާލެއިން 30 ކުއްޖަކު އުކުޅަހަށް ފުރުމަށް ހަމަޖެހިފައިވާއިރު، އުކުޅަހުން ވެސް ރާޒުވާކުޅޭ 30 ދިވެހި ކުޅުންތެރިން މި މުބާރާތުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވަނީ މި މުބާރާތުގައި ބޭނުންކުރާ ދިވެހި ޓީމުގެ ޖާޒީއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަބޭ

    މިހާރުހިންގަމުންދާ ގައުމީވޮލީލީގުގެ މެޗްތައް ކޮމަންޓްރީދިނުމައް ވަކިބަޔަކު އެރުވުމައް ޕީއެސްއެމްއައް އެންގީ ހަމަހަމަފުރުސަތު އޮތީމަތޯ