ޗެލްސީ ދޫކޮށްލުމަށްފަހު ރެއާލް މެޑްރިޑާ ގުޅުނު ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެ ކްލަބުގެ ކުޅުންތެރިޔެއްގެ ގޮތުގައި ދައްކާލައިފިއެވެ.

ޗެލްސީ ދޫކޮށްލުމަށްފަހު ރެއާލްއަށް ބަދަލުވާން އުމުރުން 29 އަހަރުގެ ރުޑިގާ ނިންމީ ފްރީ ޓްރާންސްފާއެއްގެ ދަށުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ.

ރެއާލްގެ ދަނޑުގައި ރުޑިގާ ދައްކާލާފައިވާއިރު، އަންނަ ސީޒަނުގައި އޭނާ ބޭނުން ކުރާނީ 22 ނަމްބަރު ޖޯޒީއެވެ. އެ ޖޯޒީ އެންމެ ފަހުން ބޭނުންކޮށްފައި ވަނީ ދާދި ފަހުން އެ ކްލަބް ދޫކޮށްލި އިސްކޯ ކަމަށްވާއިރު، މީގެ ކުރިން އެ ޖޯޒީ އެންހަލް ޑިމަރިއާ އަދި ޒަބީ އެލޮންސޯވެސް ވަނީ ބޭނުންކޮށްފައެވެ.

މިއަދު ރެއާލް ދަނޑުގައި ވާހަކަދައްކަމުން ރުޑިގާ ބުނީ، އެ ކްލަބުގައި ވަރަށް ރަނގަޅު ކުޅުންތެރިން ތިބޭ ކަމަށާއި، އަދި ވަކިން ހާއްސަކޮށް އޭނާ ކުޅޭ މަގާމަށް ކުޅޭ މޮޅު ކުޅުތެރިން ތިބޭ ކަމަށެވެ. ނަމަވެސް އެ ޗެލެންޖަކީ ބޭނުންވާ ޗެލެންޖެއް ކަމަށާއި، އެއީ ޓީމަކަށް މުހިންމު ކަމެއްވެސް އޭނާ ބުނިއެވެ.

"އަހަރެން ޔަގީންކޮށްގެން އަހަރެންގެ 100 އިންސައްތަ ދައްކާނެކަމުގެ. އަހަރެން ބޭނުންވަނީ ހުރިހާ ތައްޓެއް ކާމިޔާބުކުރަން" ރެއާލް ދަނޑުގައި ވާހަކަދައްކަމުން ރުޑިގާ ބުންޏެވެ.

ރެއާލްގެ އިތުރުން ރުޑިގާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑް، ބާސެލޯނާ، ޔުވެންޓަސް، ޕީއެސްޖީ އަދި ބަޔާން މިއުނިކުންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

މީގެ ކުރިން ރޯމާއަށްވެސް ކުޅެފައިވާ ރުޑިގާ ވަނީ ޗެލްސީއާއެކު އޭނާ ހޭދަކުރި ފަސް ސީޒަނުގައި މިހާތަނަށް 196 މެޗު ކުޅެ، 12 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޖަރުމަން ގައުމީ ޓީމަށް މިހާތަނަށް 50 މެޗު ކުޅެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައެވެ.