އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއަށްވުރެ އަވަހަށް އިބާދުﷲ 100 މީޓަރު ދުވުމުގެ ރޭސް ނިންމައިފިއެވެ.

ތުރުކީގެ ކޮންޔާގައި ކުރިޔަށްދާ މި ގޭމްސްގައި ސާއިދު ވާދަކުރި ހީޓު ނިންމީ 10.60 ސިކުންތުން ކަމަށްވާއިރު، މިއީ އޭނާ މި އަހަރު މިހާތަނަށް ދުވި އެންމެ ބާރު މިނެވެ.

ނަމަވެސް ގދ.ތިނަދޫއަށް ނިސްބަތްވާ އިބާދުﷲ ވާދަކުރި ހީޓުން އޭނާ 10.54 ސިކުންތުން ނިންމާފައިވާއިރު، މިއީ އޭނާ މިހާތަނަށް 100 މީޓަރު ދުވުމުން ނިންމި އެންމެ އަވަސް ވަގުތެވެ.

ސޮލިޑާރިޓީ ގޭމްސްގައި ސާއިދު އަދި އިބާދުﷲ ވާދަކުރި 100 މީޓަރު ހީޓުން ލިބިފައި ވަނީ ހަ ވަނައެވެ.

ރާއްޖޭގެ 100 މީޓަރު ދުވުމުން ގައުމީ ރެކޯޑު އޮންނަނީ ސާއިދު އަތުގައެވެ. އެއީ 10.33 ސިކުންތުން ރޭސް ނިންމައިގެންނެވެ.