އެފްއޭ ކަޕްގައި އެކްސްޓްރާ ޓައިމް ކުޅެގެން 1-3 ގެ ނަތީޖާއަކުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ދެޓީމަށް ވެސް ވަނީ ލިބިފައެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކާމިޔާބު ކުރީ މާޒިޔާ އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަކްރަމް އަބްދުލް ގަނީއެވެ. މިއާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ގްރީންގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ގްރީން އިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، 67 ވަނަ މިނެޓުގައި ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ކެޕްޓަން ރިލްވާން ވަހީދުއެވެ.

މި ލަނޑާއެކު މާޒިޔާއިން އަނބުރާ ލީޑު ނެގުމަށް މަސައްކަތް ކުރަމުން ދިޔައިރު، ގްރީން އިން ދިޔައީ މާޒިޔާ ހިފެހެއްޓުމަށް ބުރަ މަސައްކަތް ކުރަމުންނެވެ.

މި މެޗުގައި ގްރީންއަށް އުނދަގޫތައް ކުރިމަތިވީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް އެޓީމުގެ ކެޕްޓަން ރިލްވާންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. މިގޮތުން މެޗުގެ ބާކީ ބައި ގްރީޏް ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފް ވަނީ ކުޅެފައެވެ. މިގޮތުން މާޒިޔާ އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފްގައި ހަމްޒާ މުހައްމަދު ޖެހި ލަނޑުންނެވެ.

ގްރީން އިން 10 ކުޅުންތެރިންނާއެކު ކުޅުމުގެ ފައިދާ ނަގައި މާޒިޔާ އިން މެޗުގެ ލީޑު ފުޅާކުރީ އެކްސްޓްރާގެ ދެވަނަ ހާފް ނިމެނިކޮށް މޫސާ ޔާމީން ކާމިޔާބު ކުރި ލަނޑުންނެވެ.