އާސެނަލް އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓްގެ ވިންގާ ނިކޮލަސް ޕެޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ނީސް އަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ޕެޕޭ އާސެނަލްއާ ގުޅުނީ ރިކޯޑު ފީއެއްގައި 2019 ގައެވެ. އެގޮތުން 72 މިލިއަން ޕައުންޑަށް ގެނައި ޕެޕާ އަށް ވޭތުވެދިޔަ ތިން އަހަރު އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކެއެވެ. ޕެޕޭ ފަހަކަށް އައިސް ގިނަ މެޗުތަކުގައި ފެނުނީ ބެންޗުން އަރާ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ނީސް އިން ދަނީ ޕެޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ގެނައުމަށްޓަކައި މަޝްވަރާތައް ކުރަމުންނެވެ. ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން ބޯންމައުތު 3-0 އިން މޮޅުވި މެޗުގައި އާސެނަލްގެ ސްކޮޑްގައި ޕެޕޭ ހިމަނާފައެއް ވެސް ނުވެއެވެ.

ޕެޕޭ އާ ގުޅޭ ގޮތުން ހުކުރު ދުވަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އެންމެ ރަނގަޅު ވަގުތެއްގައި ބަޔަކާ ވާހަކަ ދައްކަން ޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށެވެ. އާސެނަލްގައި މިހާރު އޮތީ ބޮޑު ސްކޮޑެއް ކަމަށާއި މިހާތަނަށް އައިއިރު ނިންމުންތަކެއް ނިންމާފައި ވާނެ ކަމަށް އާޓެޓާ ބުންޏެވެ.

އަދި ބައެއް ކުޅުންތެރިން މިހާތަނަށް އައިއިރު ދޫކޮށްލާފައިވާ ކަމަށް އާޓެޓާ ފާހަގަކުރިއެވެ.

އާޓެޓާ ބުނީ ޓްރާންސްފާ މުއްދަތު ނިމުމުގެ ކުރިން އާސެނަލްގެ ކުޅުންތެރިންނާ މެދުގައި ކޮންމެ ގޮތަކަށް ވެސް ކަންތައް ހިނގައިގެން ގޮސްފާނެ ކަމަށެވެ.

މިދިޔަ ސީޒަންގައި ޕެޕޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައި ވަނީ އެންމެ ފަސް މެޗެވެ. އަދި އާސެނަލް އަށް ކާމިޔާބުކޮށް ދެވިފައި ވަނީ އެންމެ ގޯލެކެވެ.

ޕެޕޭ ނީސް އަށް ބަދަލުވާން އުޅޭ އިރު، ވޭލްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު އާރޮން ރަމްސޭ ވެސް ދާދި ފަހުން ވަނީ އެ ކުލަބަށް ބަދަލުވެފައެވެ. ރަމްސޭ ވަނީ އަށް އަހަރު ދުވަހު އާސެނަލްއަށް ކުޅެފައެވެ.