އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން ބޯންމައުތު 3-0 އިން ބަލިކުރި މެޗުގައި އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ޖެހި ގޯލުން އެ ޓީމުގެ ޑިފެންޑަރު އެލެކްސެންޑްރާ ޒިންޗެންކޯ ހައިރާންވެއްޖެއެވެ.

މިއީ ފާއިތުވި 18 އަހަރު ތެރޭގައި އާސެނަލުން ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. އާސެނަލްގެ މި ތިން ތިން މޮޅާއެކު، ނުވަ ޕޮއިންޓާ އެކުގައި އާސެނަލް މިވަގުތު އޮތީ ޕްރިމިއާ ލީގުގެ އެއް ވަނައިގައެވެ.

ރޭގެ މެޗުގައި އާސެނަލްގެ ދެ ލަނޑު ޖަހާފައި ވަނީ އެ ޓީމުގެ ކެޕްޓަން އަދި ނޯވޭގެ މާޓިން އޮޑިގާޑެވެ. އާސެނަލްގެ ތިން ވަނަ ލަނޑު ޖަހާފައި ވަނީ ޑިފެންޑަރު ސަލީބާއެވެ.

https://www.youtube.com/watch?v=YsOMed10RTo

ހިލޭ ޖެހުމެއްގައި އާސެނަލުން ކުރިއަށް ޖެހުނު ގަޑީގައި އެ ޓީމުގެ ގެބްރިއަލް މާޓިނެލީ ބޯންމައުތުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަ ފޮނުވާލުމުން، ގްރޭނިޓް ޝާކާ ވަނީ އެ ބޯޅަ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ސަލީބާ އަށް ދީފައެވެ. ސަލީބާ ވަނީ ހަމަޖެހިލައިގެން ހުރެ، މަތީ ކަނަށް ބޯޅަ ފޮނުވާލައިފައެވެ.

މިއީ ސަލީބާ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރުގައި ޖެހި ފުރަތަމަ ލަނޑު ވެސް މެއެވެ.

މި ގޯލް ޖެހި މަންޒަރު އެންމެ ރަނގަޅަށް ފެނުނު އެއް ކުޅުންތެރިޔަކީ ޒިންޗެންކޯއެވެ. ސަލީބާ މި ލަނޑު ޖެހުމާ އެކު، ޒިންޗެންކޯ އަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ޒިންޗެންކޯ ވަނީ ބޮލުގައި ދެ އަތް އެޅުމަށް ފަހު ދެ ކަކޫ މައްޗަށް ތިރިވެފައެވެ. އޭގެ ފަހުގައި ތެދުވެ، ބޮލުގައި އަތް އަޅައިގެން ހިނގާފައި އާސެނަލްގެ ހާފަށް ދެއެވެ.

މި ސީޒަން ފެށުނު ފަހުން އާސެނަލް އަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔައަކީ ވެސް ސަލީބާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޒިންޗެންކޯ ވަނީ ސަލީބާ އަށް ތައުރީފްކޮށްފައެވެ. ޒިންޗެންކޯ ބުނީ އާސެނަލްގެ ޑިފެންޑަރަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ފަރާތުން ތަފާތު ފެންނަ ކަމަށެވެ. އަދި އެ ކުޅުން ކުރިއަށް އޮތް ތަނުގައި ދައްކާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ޒިންޗެންކޯ ބުންޏެވެ.