ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް އަތުން 0-3 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.

ލީޑްސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ޗެލްސީން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް، ލީޑްސް އިންަ ދިޔައީ އެޓީމަށް ލިބުނު މަދު ފުރުސަތުތަކުގައި ޗެލްސީގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

މިގޮތުން ލީޑްސް އިން ވަނީ 33 ވަނަ މިނެޓުގައި ބްރެންޑެން އާރޮންސަންގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ރޮޑްރިގޯ މޮރޭނޯ ވަނީ ލީޑްސްއަށް ލީޑު އިތުރަށް ފުޅާ ކޮށްދީފއެވެ.

މި ލަނޑުތަކާއެކު ޗެލްސީން ކުރިޔަށް ޖެހި އެޓޭކްތައް ކުރަން މަސައްކަތް ކުރި ނަމަވެސް، ފުރަތަމަ ހާފް ނިމިފައި ވަނީ 0-2 ގެ ނަތީޖާއަކުން ޗެލްސީގެ މައްޗަށް ލީޑްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ލީޑްސް އިން ޗެލްސީއަށް ޕްރެޝަރު ކުރަމުން ދިޔައިރު، ޗެލްސީން ދިޔައީ ލީޑްސްގެ ގޯލަށް ނުރައްކާކޮށް، ހަމަލާތައް އުފައްދަމުންނެވެ. ނަމަވެސް ގޯލުގެ ތިން ދަނޑިން އެތެރެއަށް އެޓީމަށް އެންމެ ގޯލެއްވެސް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

ލީޑްސްގެ ތިން ވަނަ ލަނޑު 69 ވަނަ މިނެޓުގައި ވަނީ ކާމިޔާބު ކޮށްފައެވެ. މި ލަނޑު ރޮޑްރިގޯ މޮރޭނޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޖެކް ހެރިސަންއެވެ. މެޗުގެ 84 ވަނަ މިނެޓުގައި ޗެލްސީގެ ކޫލިބަލީއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިއީ ޗެލްސީ ޕްރިމިއާ ލީގުގައި ކުޅުނު ތިން ވަނަ މެޗަށްވާއިރު، އެޓީމު އޮތީ ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން 12 ވަނައިގައެވެ. ޗެލްސީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ.