ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ވެސްލީ ފޮފޯނާ ހޯދަން ޗެލްސީން ހުށަހެޅި ތިންވަނަ ބިޑުވެސް ލެސްޓާ އިން ރިޖެކްޓް ކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ފޮފޯނާ ހޯދުމަށް ޗެލްސީން މިފަހަރު 60 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައިވާއިރު، ލެސްޓާ އިން ވަނީ އެ ބިޑު ރިޖެކްޓް ކޮށްލާފައެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީން އެންމެ ބޮޑަށް ހޯދަން މަސައްކަތް ކުރަމުން އަންނަ ފޮފޯނާ ދޫކޮށްލަން ލެސްޓާއިން ދެކޮޅު ހަދަމުން އަންނައިރު، ޕްރިމިއާ ލީގުގެ އެހެން ކްލަބްތަކުން ވެސް އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އުމުރުން 21 އަހަރުގެ ފޮފޯނާ ލެސްޓާއަށް 2020 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވެފައިވާއިރު، އޭނާ ވަނީ މިހާތަނަށް އެޓީމަށް ތިން ސީޒަން ކުޅެފައެވެ. އަދި އޭނާ ވަނީ މިހާތަނަށް ލެސްޓާއަށް ކުޅުނު 52 މެޗުގައި އެއް ލަނޑު ކާމިޔާބު ކޮށްފައެވެ.

ލެސްޓާއާއެކު އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާ ފޮފޯނާ ވަނީ ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމަށް ވެސް މެޗުތަކެއް ކުޅެފައެވެ.