ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ވިންގާ މާކޯ އެސެންސިއޯއަށް މެންޗެސްޓާ ޔުނައިޓެޑުންވެސް ޝައުގުވެރިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުން އެ ކްލަބުގެ ސްކޮޑު ވަރުގަދަ ކުރުމަށް އެ ކްލަބުން ހޯދަން މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އެސެންސިއޯވެސް ހިމެނޭ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އެ ކްލަބުން ފަށާފައިވާ ކަމަށެވެ.

ޔުނައިޓެޑުން އެސެންސިއޯ ހޯދުމަށް 30 މިލިއަން ޔުރޯ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާ އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޔުނައިޓެޑުގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ އެސެންސިއޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރޯމާ ފާހަގަ ކޮށްލެވެއެވެ.

މަޔޯކާ އިން ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށި އެސެންސިއޯ ރެއާލްއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ. މިގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 235 މެޗުގައި 49 ލަނޑު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް 28 މެޗު ކުޅެފައިވާ އެސެންސިއޯ ވަނީ ރެއާލްއާއެކު ތިން ލަލިގާ، ތިން ޗެމްޕިއަންސް ލީގާ، ތިން ޔުއެފާ ސުޕަ ކަޕް އަދި ތިން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.