ލެސްޓާ ސިޓީގެ ފްރާންސް ޑިފެންޑަރު، ވެސްލީ ފޮފާނާ ޕްރިމިއާ ލީގުގެ ގަދަ އެއް ބާރު ޗެލްސީއަށް ބަދަލުވުމާ ގާތަށް ޖެހިލާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ފޮފާނާ، 21، ގެ ސޮއި ހޯދަން ޗެލްސީން މިހާތަނަށް ކުރި ތިން ބިޑް ވެސް ލެސްޓާ އިން ވަނީ އަނބުރާ ފޮނުވާލައިފައެވެ. އެކަމަކު، ޗެލްސީން ވަނީ ފޮފާނާ ހޯދަން އިއްޔެ ހަތަރު ވަނަ ބިޑެއް ހުށަހަޅައިފައެވެ. ހަތް ދިހަ މިލިއަން ޕައުންޑްގެ އެ ބިޑް ބަލައިގަތުމަށް ލެސްޓާ އިން އެއްބަސްވެފައިވާ ކަމަށްވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ފޮފާނާ ޗެލްސީއާ ގުޅޭނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޗެލްސީ އަށް ބަދަލުވާން ބޭނުން ވާތީ މިދިޔަ ހަފްތާގައި ފޮފާނާ ވަނީ ލެސްޓާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ހަދައިފައެވެ. އެހެންވެ، ލެސްޓާ އިން މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން ބަލިވި މެޗާއި އަންގާރަ ދުވަހު ލީގު ކަޕްގައި ލެސްޓާ އިން ސްޓޮކްޕޯޓް ކައުންޓީ އަތުން މޮޅުވި މެޗުގެ ޓީމުގައި ފޮފާނާ ހިމަނާފައެއް ނުވެއެވެ.

ފޮފާނާ ލެސްޓާ އަށް ބަދަލުވެފައި ވަނީ 2020 ވަނަ އަހަރު ފްރާންސްގެ ސެއިން އެޓިއެން އިން 36.5 މިލިއަން ޕައުންޑަށެވެ. ފޮފާނާއަކީ ޕްރިމިއާ ލީގުގައި ހިމެނޭ އެންމެ މޮޅެތި ޑިފެންޑަރުންގެ ތެރެއިން އެކަކެވެ.

މިދިޔަ އަހަރު އޮގަސްޓް މަހުގައި ޕްރީ ސީޒަން ތެރެއިން ފައި ބިންދައިގެން ދިޔަ، ފޮފާނާ ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައީ މިދިޔަ މާޗް މަހުއެވެ.

ލެސްޓާއާ އެކު ފޮފާނާ ސޮއިކުރި ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އަދި އެބައޮތެވެ.

ޗެލްސީން ވަނީ އެވަޓަންގެ މިޑްފީލްޑަރު، އެންތަނީ ގޯޑަން އާއި ބާސެލޯނާގެ ޕިއޭ އެމެރިކް އޮބާމަޔަން ގެންނަން ވެސް މަސައްކަތް ކުރަމުންނެވެ.