އަޔަކްސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ އެންޓޮނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްކައި ސްޕޯޓްސް އިން ބުނީ، އެންޓޮނީ ހޯދުމަށް ޔުނައިޓެޑުން 85 މިލިއަން ޕައުންޑު އަޔަކްސްއަށް ހުށަހަޅާފައިވާ ކަމަށާއި، އަދި ޓްރާންސްފާގެ ކަންކަން ނިމުމަކާ ގާތަށް މިހާރު ގޮސްފައިވާ ކަމަށެވެ.

އެންޓޮނީ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ފެށީ އަޔަކްސްގެ ކުރީގެ ކޯޗު އަދި ޔުނައިޓެޑުގެ މިހާރުގެ ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުގެ ސްކޮޑު ވަރުގަދަ ކުރުމަށް އެ ކްލަބުން ގިނަ ކުޅުންތެރިން ގެނެސްފައިވާއިރު، އޭގެ ތެރޭގައި އަޔަކްސްއަށް ކުޅުނު ވެންޑަބީކްވެސް ހިމެނެއެވެ.

ސައޮ ޕައުލޯ އިން 2018 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި އެންޓޮނީ އަޔަކްސްއަށް ބަދަލުވީ 2020 ވަނަ އަހަރުގެ ސީޒަނުގައެވެ. މިގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 82 މެޗުގައި 25 ލަނޑު ކާމިޔާބު ކޮށްފައެވެ.

އަޔަކްސްއާއެކު ދެ ލީގު ތަށި އަދި އެއް ލީގް ކަޕް ކާމިޔާބު ކޮށްފައިވާ އެންޓޮނީ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު 2020 ވަނަ އަހަރު ސަމާ އޮލިމްޕިކްސް ކާމިޔާބު ކޮށްފައެވެ.