ރެއާލް މެޑްރިޑް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރި ބްރެޒިލްގެ މިޑްފިލްޑަރު ކަސެމީރޯ ނެތްތަން އެ ކްލަބަށް ނުދައްކާ ކަމަށް ލޫކާ މޮޑްރިޗް ބުނެފިއެވެ.

ރެއާލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އެ ކްލަބުގެ މެދުތެރެ ބަލަހައްޓަމުން އަންނަ ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް ބުނީ، ކަސެމީރޯއަކީ ރެއާލްއަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި، ނަމަވެސް އޭނާ ނެތުމުން އެ މަގާމު އަދާކުރާނެ ކުޅުންތެރިން ކްލަބުގައި އެބަ ތިބި ކަމަށެވެ.

މިގޮތުން ރެއާލްއަށް އަލަށް ސޮއިކުރި ޗުއަމެނީ ކްލަބާއެކު ރަނގަޅަށް ފަށާފައިވާ ކަމަށާއި، ކަވަނިންގާވެސް މޮޅަށް ކުޅެމުން އަންނަ ކަމަށް މޮޑްރިޗް ވަނީ ބުނެފައެވެ. އަދި ކްރޫޒް އަކީ ގިނަ ދުވަހު ރެއާލްގައި ވޭތުކޮށްފައިވާ ކުޅުންތެރިޔެއް ކަމަށާއި، ވަލްވާޑޭއަށްވެސް ކަސެމީރޯ ނެތްތަން ފޫބެއްދޭނެ ކަމަށެވެ.

ރެއާލް ދޫކޮށް ކަސެމީރޯ ދިޔުމުން އެ ކްލަބުގެ ކޯޗު ކާލޯ އެންޗޮލޮޓީވެސް ބުނެފައި ވަނީ އޭނާ ނެތްތަން ފޫބައްދާނެ ކުޅުންތެރިން ކްލަބުގައި ތިބޭނެ ކަމަށާއި، ނަމަވެސް ކްލަބަށް ގެއްލިގެންދިޔައީ މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.

މި ސީޒަނުގައި ރެއާލް އިން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މިހާތަނަށް ކުޅުނު ހުރިހާ މުބާރާތެއްގެ މެޗުތަކެއް ވަނީ ކާމިޔާބު ކޮށްފައެވެ.