ސްޕެނިޝް ލީގުގައި ރޭ ޕެޑްރީ ގޮންޒާލޭޒް ޖެހި ގޯލާއެކު ސެލްޓަ ވިގޯ ބަލިކޮށް ބާސެލޯނާއިން ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 1-0 ގެ ނަތީޖާއިން ސެލްޓަ ވިގޯ މައްޗަށް ބާސާ އިން ކުރި ހޯދައިގެންނެވެ. މި މޮޅާއެކު ބާސާއަށް ލިބުނު 22 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ އެއް ވަނައިގައެވެ.

ރޭގެ މެޗުގެ އެންމެ ފުރަތަމަ ހަތް މިނެޓުގައި ބާސާގެ ފެރާން ޓޮރެސް އަށް ލީޑު ނެގުމަށް ފުރުސަތު ލިބުނެވެ. ޖޯޑީ އަލްބާ ނަގައިދިން ރީތި ހުރަހަކުން ހުސްކޮށް ހުރި ޓޮރެސް ފޮނުވާލި ބޯޅަ ދިޔައީ އެއްވެސް އަމާޒެއް ނެތިއެެވެ. ސެލްޓަ ވިގޯ އިން ރޭގެ މެޗުގައި ދިޔައީ އެޓޭކް ކުރުމުގެ ބަދަލުގައި ޑިފެންސް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ސެލްޓަ ވިގޯ ޓީމުގެ ޑިފެންޑަރު އަނާއި ނުނޭޒް ހެދި ގޯހެއްގެ ފައިދާ ނަގާ މެޗުގެ 17 ވަނަ މިނެޓުގައި ޕެޑްރީ ގޯލު ޖެހިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެލްޓަ ވިގޯގެ ލަގޯ އަސްޕާސްއަށް ގޯލު ޖެހުމަށް ފުރުސަތު ލިބުނެވެ. އޭނާ އުފައްދަން މަސައްކަތް ކުރި ހަމަލާތައް ބާސާގެ ޑިފެންޑަރު އަލްބާ ވަނީ ބްލޮކްކޮށްފައެވެ.

ފަހު ހާފުގައި ސެލްޓަ ވިގޯ އިން ކުޅެން ފެށީ ވަރުގަދަ ކޮށެވެ. އެހެން ނަމަވެސް 90 މިނެޓު ހަމަވިއުރި އެ ޓީމަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. އެ ޓީމުން އުފެއްދި ގިނަ ހަމަލާތައް ވަނީ ބާސާގެ ކީޕަރު ޓާ ސްޓެޖެން މަތަކޮށްފައެވެ.

ހަމައެހެންމެ، ރޮބާޓް ލެވަންޑޮސްކީ އަށް ވެސް ލީޑު ފުޅާކުރުމަށް ރަނުގެ ފުރުސަތުތައް ލިބުނެވެ. އެގޮތުން އަރަމުން އަންނަ ތަރި ގަވީ ވަނީ ލެވަންޑޮސްކީއަށް ގޯލު ޖެހުމަށް ރަނގަޅު ޗާންސްތަކެއް އުފައްދައި ދީފައެވެ.

ރޭގެ މެޗުގެ ކުރިން އެއްވަނައިގައި އޮތީ 22 ޕޮއިންޓާއެކު ބާސާއާއި ވާދަވެރި ރެއާލް މެޑްރިޑެވެ. އެހެން ނަމަވެސް ގޯލުގެ ތަފާތުން މިހާރު އެއްވަނައިގައި އޮތީ ބާސާއެވެ. ސެލްޓަ ވިގޯ އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.