މި ސީޒަނުގައި ލިވަޕޫލަށް އެންމެ ރަނގަޅަށް ކުޅެމުން އައި ކޮލަމްބިއާގެ ވިންގަ ލުއިޒް ޑިއާޒަށް އަނިޔާވެ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އުމުރުން 25 އަހަރުގެ ޑިއާޒަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ލިވަޕޫލަށް މޮޅު ކުޅުމެއް ދެއްކި ޑިއާޒް ވަނީ މެޗުގެ 42 ވަނަ މިނެޓުގައި އަނިޔާވެގެން ދަނޑުން ބާލާފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރުވީ ރޮބާޓޯ ފުރްމީނޯއެވެ. އޭނާ ވަނީ އެ މެޗުގައި ޑާވިން ނުނޭޒް ޖެހި ގޯލުގައި އެހީތެރިވެދީފައި ވެސް މެއެވެ.

މި ސީޒަނުގައި ނަތީޖާ ނެރުމުގައި ލިވަޕޫލަށް ގިނަ މައްސަލަތަކެއް ދިމާވެފައިވަނިކޮށް ޑިއާޒަށް އަނިޔާވުމަކީ އެޓީމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ ރިޕޯޓްތަކުން ބުނެފައިވަނީ ޑިއާޒަށް ލިބިފައިވަނީ ކަކުލުގެ އަނިޔާއެއް ކަމަށެވެ. އަދި މި އަނިޔާ އިން ފަސޭހަވުމަށް ދުވަސް ނަގާނެ ކަމަށާއި އޭނާ އަށް އަނބުރާ ކުޅުމުގެ ތެރެއަށް އާދެވޭނީ ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށްފަހު، ޑިސެމްބަރު މަހުގެ ފަހު ކޮޅުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮލަމްބިއާ ކޮލިފައިނުވާތީ ޑިއާޒަށް މާ ކުރިން ވޯލްޑް ކަޕް އޮތީ ގެއްލިފަ އެވެ.

މީގެ އިތުރުން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހޭތީ، ޑިއާޒަށް ލިވަޕޫލްގެ 10 މެޗެއް ގެއްލޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ލިވަޕޫލް އޮތީ ޕްރިމިއާ ލީގުގައި މިހާތަނަށް އެ ޓީމުން ކުޅުނު އަށް މެޗުން ލިބުނު 10 ޕޮއިންޓާ އެކު 10 ވަނައިގައެވެ.