ޓޮޓެންހަމް އަތުން މިދިޔަ ބުދަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރަން ޔުނައިޓަޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެކޮޅުހެދި ކަމަށާއި އެކަމަށް އޭނާ އަށް އަދަބު ލިބެން ޖެހޭނެ ކަމަށް ބުނެ، ޔުނައިޓެޑްގެ ނިންމުން އެޓީމުގެ ކޯޗު އެރިކް ޓެން ހާގް ދިފާއުކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ރޭ ކުޅުނު މެޗަށް ޔުނައިޓެޑް އިން ނެގި ސްކޮޑުން ރޮނާލްޑޯ ބާކީ ކުރީ، މިދިޔަ ބުދަ ދުވަހުގެރޭ ޓޮޓެންހަމް އަތުން ޔުނައިޓެޑް މޮޅުވި މެޗު ނުނިމެނީސް ބެންޗު ދޫކޮށް އޭނާ ޗޭންޖިން ރޫމަށް ދިއުމުންނެެވެ.

މިދިޔަ ސީޒަނުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗެއްގައި ހެޓްރިކް ހެދި ރޮނާލްޑޯ ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ނަމަވެސް އެ މެޗުގައި އޭނާ އަރުވާފައެއް ނުވެއެވެ. މެޗަށް ނެރުމަށް ވާމްއަޕް ވެސް ހެދުވުމަށްފަހު ރޮނާލްޑޯ ކުޅެން ނާރުވާ އޭގެ ބަދަލުގައި ޓެން ހާގު ދަނޑަށް ނެރުނީ އެންޓޮނީ، އެލަންގާ އާއި ކްރިސްޓިއަން އެރިކްސަންއެވެ.

އެއާއެކު އުމުރުން 37 އަހަރުގެ ރޮނާލްޑޯ ވަނީ މެޗުގެ 89 ވަނަ މިނެޓުގައި ބެންޗް ދޫކޮށް އޯލްޑް ޓްރެފޯޑްގެ ޓަނަލްގެ ތެރެއަށް ވަދެގެން ގޮސްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ މެޗު ނިމުމުގެ ކުރިން ބެންޗުން ގޮސްފައިވަނީ އޭނަގެ ކެތްތެރިކަން ކޮޅުންލައި، ޓެން ހާގު އޭނާއަށް ދޭން ޖެހޭ އިހުތިރާމް ދީފައި ނުވާތީއެވެ.

އެ ނިންމުމާއެކު ރޮނާލްޑޯގެ ބައެއް ސަޕޯޓަރުންގެ ފާޑިކިޔުން އަމާޒުވެފައި ވަނިކޮށް އެޓީމުގެ ކޯޗު ބުނީ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުމަށް ރޮނާލްޑޯ ދެކޮޅު ހެދި ކަމަށެވެ. އަދި އޭނާގެ އަމަލުތަކަށް "އަދަބު ލިބެންޖެހޭ" ކަމަށާއި އެއީ މުޅި ޓީމަށް އެންމެ ބުއްދިވެރި ގޮތް ކަމަށް ބުނެފައިވެއެވެ.

އެކަމަކު، ރޮނާލްޑޯ އަކީ އަދިވެސް ޔުނައިޓެޑަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި ކޯޗަށް ވެސް ރޮނާލްޑޯ މުހިއްމުކަން ފާހަގަކުރިއެވެ.

އޭނާ ބުނީ އެއީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.

ޓެން ހާގް ބުނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ މެޗު ނުނިމެނީސް ދިޔަ މައްސަލައިގައި ފިޔަވަޅެއް ނޭޅީ ފުރަތަމަ ފަހަރަށް އެފަދަ ކަމެއް ދިމާވުމުން ކަމަށެވެ. އަދި އެ މެޗަށް ފަހު ރޮނާލްޑޯގެ އިތުރުން އެހެން ކުޅުންތެރިންތަކެއް ވެސް މެޗު ނުނިމެނީސް ދިޔަ ކަމަށް އޭނާ ބުންޏެވެ.

އެހެންވެ، ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވުމުން ކޮންމެހެން ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ރޮނާލްޑޯ ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ 20 ވަރަކަށް އަހަރު އެންމެ މަތީ ލެވަލްގައި ފުޓްބޯޅަ ކުޅުނުއިރު، އޭނާ އަބަދުވެސް ވިސްނާފައިވާނީ ޓީމުގެ މަސްލަހަތު އިސްކޮށްފައި ކަމަށާއި، ޔުނައިޓެޑަށް ނުރަނގަޅު ޕްރެޝަރެއް ދިނުމަކީ އެއްވެސް އިރެއްގައި އޭނާ ވިސްނި ގޮތެއް ނޫން ކަމަށެވެ.

އަދި، މިހާރު އޭނާގެ ވިސްނުމަކީ ޓްރެއިނިން އަށް ފޯކަސްކޮށް މެޗުތަކުގައި ފުރުސަތު ލިބުނު ވަރަކަށް ކުޅެގެން، ވެސް ޓީމަށް އެހީތެރިވުން ކަމަށް ރޮނާލްޑޯ ބުންޏެވެ.

އަބަދުވެސް ކަމެއް ނިންމާއިރު، އެންމެ ރަނގަޅަށް ކަންތައްތައް ކުރަން ބޭނުންވާ ކަމަށާއި އެންމެ ކުޑަ އިރުއްސުރެ ވެސް ފުޓްބޯޅައިގައި ދަސްވި ކަންތައްތަކަށް ފަހު މިހާރު ތަޖުރިބާކާރު ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ޒުވާން ކުޅުންތެރިންނަށް މިސާލު ދައްކަން ޖެހޭ ކަމަށް ރޮނާލްޑޯ އެއްބަސްވިއެވެ.

ނިމިގެން ދިޔަ ޓްރާންސްފާ މާކެޓުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށް ދިއުމަށް މަސައްކަތް ކޮށްފައެވެ. ޔުނައިޓެޑުން ފަހުވަގުތު ވަނީ ރޮނާލްޑޯއަށް އައި ހުށައެޅުންތައް އަނބުރާ ފޮނުވާލައި، މި ސީޒަނުގައި އޭނަގެ ބޭނުން ހިފާނެ ކަމުގެ ޔަގީންކަން ރޮނާލްޑޯއަށް ދީފައެވެ. ނަމަވެސް ރޮނާލްޑޯއަށް ފުރުސަތުތައް މަދުވުމުގެ ސަބަބުން ސީޒަނުގައި މިހާތަނަށް އޭނާއަށް ޖެހިފައިވަނީ އެންމެ ދެ ގޯލެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮގުބާ

    ސާބަސް މުޅި ޔުނައިޓެޑް އެއްކޮޅަށް އަރާފަ ރޮނާލްޑޯ އަނެއްކޮޅަށް އެރީމަ ބަރުވާނީ ރޮނާލްޑޯ އެހާވެސް ރޮނާލްޑޯ ގެ ކާމިޔާބުތަށް ގިނަ

    4
    2