މިވަގުތަކީ ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރިމް ބެންޒެމާ އަށް ރެސްޓު ބޭނުންވާނެ ވަގުތުކަމަށާއި، އޭނާ ރެއާލަށް ކުޅެން އަރުވަން ބޭނުންނުވާ ކަމަށް އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

ދާދި ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑިއޯ އެވޯޑް ހާސިލްކުރި ބެންޒެމާ އަންނަނީ ރެއާލްގައި މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. މިދިޔަ އަހަރުގެ ލަލީގާ އާއި ޗެމްޕިއަންސް ލީގުގެ ތަށި ރެއާލަށް ކާމިޔާބު ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރީ ވެސް ބެންޒެމާއެވެ. ނަމަވެސް ސްޕެނިޝް ލީގުގައި ރެއާލުން އެންމެ ފަހުން ކުޅުނު މެޗުގައި ބެންޒެމާ ކުޅެފައެއް ނުވެއެވެ. އެ މެޗުގެ ސްކޮޑުގައި އެންމެ ފުރަތަމަ އޭނާ ހިމެނި ނަމަވެސް ފަހުން ވަނީ އުނިކޮށްފައެވެ.

މިކަމާއި ގުޅިގެން އަންޗެލޮޓީ ބުނީ ބެންޒެމާ އަކީ ރެއާލުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށާއި މި ވަގުތު ހުރީ އޭނާ އަށް ރެސްޓު ދިނުމުގެ ވިސްނުން ކަމަށެވެ.

"ބެންޒެމާއަކީ މޮޅު އަދި ރެއާލަށް މުހިއްމު ކުޅުންތެރިއެއް. ޚާއްސަކޮށް ވޯލްޑް ކަަޕަށްފަހު ސީޒަން އަލުން ފަށާއިރު ބެންޒެމާ ވަރަށް މުހިންމު. އެހެންކަމުން މި ވަގުތު ހުރީ އޭނާ އަށް ރެސްޓު ދިނުމުގެ ވިސްނުން" އަންޗެލޮޓީ ބުންޏެވެ.

ރެއާލަށް ދެން އޮންނާނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އާރްބީ ލައިޕްޒެގާ ދެކޮޅަށް ކުޅޭ މެޗެވެ. ރެއާލުން މުބާރާތުގެ ގަދަ 16 ވަނަ ބުރަށް ދަތުރުކޮށްފައިވުމުން އެ މެޗުގައި ބެންޒެމާ ނުކުޅޭނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އޭގެ ފަހުން ދެން އޮންނާނީ ލަގީގާ ގައި ގިރޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އުމުރުން 34 އަހަރުގެ ބެންޒެމާ އަށް ރެސްޓު ދިނުމަށް އަންޗެލޮޓީ ބޭނުންވާއިރު ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ފްރާންސް ޓީމަށް ވެސް ބެންޒެމާ ވެގެންދާނީ ވަރަށް މުހިންމު ކުޅުންތެރިޔަކަށެވެ.