ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް މުބާރާތުގައި އަޔާޒް އަހުމަދު (އަޔާ) ހެދި ހެޓްރިކާއެކު ފައިނަލުގެ ފުރަތަމަ ޖާގަ ފެނަކަ ރެކްރިއޭޝަން ކްލަބް (ފެނަކަ) އިން ހޯދައިފިއެވެ.

ހުޅުމާލެ ރެހެނދީ ޓާފު ދަނޑުގައި ކުޅުނު މެޗު ފެނަކަ އިން ކާމިޔާބު ކުރީ ސެމީ ފައިނަލުގައި ކްލަބް ވެމްކޯ އަތުން 3-5 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މޮޅާއެކު މި އަހަރުގެ ކުލަބު މޯލްޑިވްސް ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ފެނަކައިންނެވެ. މި މުބާރާތުގެ ދެވަނަ ސެމީ ފައިނަލް މެޗު ކްލަބް އެޗްޑީސީ އަދި އެމްޕީއެލް ވާދަކުރާ މެޗު މިހާރު ދަނީ ކުޅެމުންނެވެ. މި އަހަރުގެ ކްލަބް މޯލްޑިވްސްގެ ކަޕް ފެނަކަ އިން ކާމިޔާބު ކޮށްފިނަމަ އެޓީމުން މި މުބާރާތުގެ ތަށި މުޅިން އަލަށް ކާމިޔާބު ކުރެވުނީއެވެ.

މިރޭ މެޗުގައި ފުރަތަމަ ހާފު ފަށައިގެން ދެ ޓީމުން ވެސް އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ މެޗުގެ ހަވަނަ މިނެޓުގައި ފެނަކަ އިންނެވެ. މިއީ ވެމްކޯ ޓީމުގެ ބޭރު ކުޅުންތެރިޔާ ހެދި ގޯހެއްގެ ފައިދާ ނަގާ މުހައްމަދު އައްޒާމް ދިން ޕާހަކުން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަޔާ ޖެހި ގޯލެކެވެ. މި ގޯލު ޖެހެމަށްފަހު ވެމްކޯ އިން ކުޅުން ރަނގަޅުކޮށް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގޯލާ އަމާޒުކޮށް ނުރައްކާ ހަމަލާއެއް އުފެއްދި ނަމަވެސް ފެނަކައިގެ ކީޕަރު ޒައިދާން ވަނީ އެ ހަމަލާ ދިފާއު ކޮށްފައެވެ.

ފެނަކަ ޓީމަށް ލީޑު ފުޅާކޮށްދިނީ، މެދު ރޮނގު ކައިރިން ވެމްކޯގެ ކުޅުންތެރިއަކު ނެއްޓުމަށްފަހު ބޯޅަ ކުރިއަށް ޖައްސާލާ އޭރިއާ ކައިރިން އުފެއްދި ހަމަލާއިން އަޔާޒްއެވެ. އަޔާގެ ހެޓްރިކް ފުރިހަމަ ކުރީ މަހުދީ އެޓީމުގެ ހޮދަދާދީ އަށް ޖައްސާލި ބޯޅަ ހޯދައިގެން ބޯޅަ ހިފައިގެން ކުރިއަށް ގޮސް ވެމްކޯގެ ކީޕަރު ކުރިއަށް އެރުމުން، ކީޕަރުގެ ބޯމަތިން ބޯޅަ ހިއްލާލައިގެން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ފުރަތަމަ ހާފުގައި އިސްމާއިލް ވަޖީހު(ވައްޖެ) އުފެއްދި ހަމަލާތައް ވަނީ ނާކާމިޔާބު ވެފައެވެ.

ދެވަނަ ހާފު ފެށި އިރު ވެމްކޯ 0-3 ގެ ނަތީޖާއިން ބަލިވެފައި އޮތްއިރު، އެ ޓީމުން އެ ހާފު ފެށީ އާ ހިތްވަރެއް ލައިގެންނެވެ، އެހެންނަމަވެސް މި ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ފެނަކަ އަށް ލިބުނު ކޯނަރަކުން އިބްރާހިމް މުބީން(މުއްކި) ދިން ބޯޅައަކުން ހުސައިން ޝަރީފް( އޮންލީ) ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފެނަކައިގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރިއެވެ. ފެނަކައިގެ ފަސް ވަނަ ގޯލު ވެސް ކާމިޔާބު ކޮށްދިނީ މުބާރާތުގައި މިހާތަނަށް އެންމެ ގިނައިން ގޯލު ޖަހާފައިވާ އޮންލީއެވެ. ވެމްކޯއަށް އުންމީދެއް ލިބުނީ ޝައްފާން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުމަށް ފަހު ގޯލަށް ވަތް ބޯޅައާއެކުއެވެ. އަދި އޭގެ ފަހުން މަހުދީ ވަނީ ދެ ގޯލު ވެމްކޯއަށް ކާމިޔާބު ކޮށްދީފައެވެ. މެޗު ނިމުނު އިރު ފެނަކަ މޮޅުވީ ދެ ގޯލުގެ ލީޑަކުންނެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ބައްދަލު ކުރާނީ އެންމެ ފަހުން ތިން ފަަހަރު ޗެމްޕިއަންކަން ހޯދި، އެމްޕީއެލް އާއި ދިވެހި ސިފައިންގެ ކުލަބެވެ.