ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް އަމާޒުކުރެވިގެން މުބާރާތްތައް ބޭއްވުމަކީ ކުރިމަގަށް އެޅޭ ބިންގަލެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ރާއްޖޭގައި ފަށާ މޯލްޑިވްސް ޓެނިސް ޗެލެންޖު މުބާރާތުގެ ކުރިން އާދީއްތަ ދުވަހު ޓެނިސް ކޯޓުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި މުބާރާތަކީ މި އަހަރު ރާއްޖޭގައި ބާއްވާ އަށްވަނަ ބައިނަލްއަގުވާމީ މުބާރާތެވެ.

މަހުލޫފު ވިދާޅުވީ ޒުވާން ކުޅުންތެރިންނަށް ޚާއްސަކޮށްގެން މި މުބާރާތް ބޭއްވުމަކީ ރާއްޖޭގެ ޓެނިސް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ޓެނިސް ކުޅުންތެރިންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޒުވާން ކުޅުންތެރިންނަށް އަމާޒުކުރެވިގެން މުބާރާތްތައް ބޭއްވުމަކީ ކުރިމަގަށް އެޅޭ ބިންގަލެއް. މިއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އޭގެ ވަރަށް ރަނގަޅު ފައިދާތަކެއް ކުރާނެ ކަމެއް. މުބާރާތްތަކުގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު އިތުރަށް މަތިވުން އެއީ ބޭނުމެއް،" މަހުލޫފް ވިދާޅުވިއެވެ.

އަމިއްލަ ފަސްގަނޑުގައި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ދިނުން އެއީ ސަރުކާޒުގެ އަމާޒު ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ސަބަބުން ފައިދާ ވަނީ ހަމައެކަނި ކުޅިވަރަށް ނޫން ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ފައިދާ ކުރާކަމަށެވެ.

މިނިސްޓަރު ވަނީ މުބާރާތުގައި ވާދަ ކުރާ ދިވެހި ކުޅުންތެރިންނަށް ކާމިޔާބަށް ވެސް އެދިވަޑައިގެންފައެވެ.

ރާއްޖޭގެ އިތުރުން ފަސް ގައުމެއް ވާދަކުރާ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 15 ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ ސްރީ ލަންކާ، ބަހްރެއިން، ތައިލެންޑް، އޮމާން އަދި މެލޭޝިޔާއެވެ.

ޖުމުލަ ހަ ޤައުމަކުން 50 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެއެވެ. އޭގެ ތެރޭގައި ޤައުމުތަކުގެ ޤައުމީ ރޭންކުގެ ކުރީގައި ހިމެނޭ ކުޅުންތެރިން ވެސް ވާދަކުރާނެއެވެ. މުބާރާތް ކުރިއަށް ދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށް، 14 އަހަރުން އަށް އަދި ޖޫނިއާ އޯޕަންއެވެ. ބާރާތުުގެ އެއްވަނަ އަށްދާ ކުޅުންތެރިންނަށް 10800 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.