ރެއާލް މެޑްރިޑްގެ ތަރި ޓޯނީ ކްރޫސް އަށް އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ފުރަތަމަ ފަހަރަށް ރަތް ކާޑެއް ދައްކައިފިއެވެ.

ކުރޫސް އަށް ރަތް ކާޑު ދެއްކީ ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އިން 1-1 އިން ރެއާލް މެޑްރިޑާ އެއްވަރުކުރި މެޗުގައެވެ.

މެޗުގެ އިތުރު ވަގުތުގައި ކްރޫސް، 32، ކުރި ފައުލަކަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ ކްރޫސްގެ ފުޓްބޯޅަ ކެރިއަރުގެ 776 ވަނަ މެޗެވެ. އެ ގޮތުން، 2007 ވަނަ އަހަރު ފެށި ޕްރޮފެޝަނަލް ކެރިއަރުގައި ކްރޫސަށް އިއްޔެއާ ހަމައަށް ރަތް ކާޑެއް ދައްކާފައިނުވެއެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހުގެ ފަހުން ލީގުގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

އަމިއްލަ ދަނޑުގައި ޖިރޯނާ އަތުން ޕޮއިންޓަކުން ފުއްދާލައިގެން ރެއާލް އެއް ވަނަ އަށް އަލުން ޖެހިލީ ޕޮއިންޓެއްގެ ލީޑަކާ އެކުއެވެ. މެޗު އެއްވަރުވީ 1-1 ނެވެ. ރެއާލްއިން މެޗުގައި ލީޑް ނެގީ 70 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއަރ ޖެހި ލަނޑުންނެވެ. ޖިރޯނާއިން ރެއާލް އަތުން ޕޮއިންޓެއް ހޯދީ 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ ސްޓުއާނީއެވެ. މިއީ އޭރިޔާ ތެރެއިން އަސެންސިއޯ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކުރި ސްޓުއާނީއަކީ ރެއާލްގެ ދަނޑުގައި އެޓީމު ކޮޅަށް ގޯލްޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ. އޭނާގެ އުމުރަކީ 36 އެވެ. މެޗުގައި ރޮޑްރީގޯ ލަނޑެއް ޖަހާ ރެއާލް އަށް ކުރި ހޯދައިދިން ނަމަވެސް ގޯލް ބަލައިނުގަތީ ކީޕަރު އަތުގައި ކޮންޓްރޯލްގެ ދަށުގައި އޮއްވާ ބޯޅަ ފޮނުވާލުމުންނެވެ.

ސްޕެނިޝް ލީގުގެ މި ފަހަރުގެ ސީޒަނުގައި ރެއާލް އަދި ބަލިވެފައިނުވެ އެވެ. އެކަމަކު، އެ ޓީމު އަތުން ދެ މެޗެއްގައި ޕޮއިންޓް ގެއްލިފައި ވަނީ އަމިއްލަ ދަނޑުގައި އެއްވަރުވެގެންނެވެ. ޖިރޯނާގެ ކުރިން ރެއާލް އަތުން ޕޮއިންޓް ހޯދީ އޮސަސޫނާ އެވެ.