ރަޝިއާގައި ބޭއްވި ވޯލްޑް ކަޕާއި ޔުއެފާ ނޭޝަންސް ލީގުގައި ޖާމަނީ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެ ނަތީޖާތަކާ ހުރެ ޖަރުމަނު ޓީމަށް އަމާޒުވާ ފާޑުކިޔުންތައް އެތައް ގުނައެއް ވަނީ އިތުރުވެފަ އެވެ. މިފަހަރު ވަރުގަދަ ސްކޮޑަކާއެކު ޖާމަނީ އޮތީ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އުންމީދުގައެވެ.

ޖާމަނީ އަކީ ވޯލްޑް ކަޕުގައި ދެވަނަ އަށް އެންމެ ކާމިޔާބު ގައުމެވެ. މި ފަހަރުގެ ތަށި ޖާމަނީ އިން ކާމިޔާބު ކޮށްފިނަމަ މުބާރާތުގެ ތަށި ފަސް ފަހަރަށް ކާމިޔާބުކޮށް ބްރެޒިލްގެ ރެކޯޑާ ޖާމަނީ އެއްހަމަ ކުރާނެއެވެ.

މި ގައުމަކީ އަބަދުވެސް ފުޓުބޯޅައަށް ލޯބިކުރާ ގައުމަކަށްވުމާއެކު، ދުނިޔޭގެ ނިސްބަތުން ފާހަގަ ކޮށްލެވޭ މޮޅު ކުޅުންތެރިން އުފެދެނީ ޖާމަނީގައެވެ. ޖަރުމަނު ޓީމުގައި ތިބީ ވެސް ތަރިންނެވެ. ވަކި ކުޅުންތެރިއެއް ތަފާތެއް ނެތިއެވެ. ހައްތާވެސް ހުނަރުވެރި ކުޅުންތެރިންނެވެ.

މިފަހަރު ގުރޫޕް އީގައި ޖާމަނީ އޮތް އިރު، ސްޕެއިންގެ އިތުރުން ކޮސްޓަރިކާ އަދި ޖަޕާން މި ގުރޫޕްގައި ހިމެނެއެވެ.

ބައްރު: ޔޫރަޕް

ފީފާ ރޭންކިން: 11

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު:19
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1934
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން (1954 ،1974 ،1990 ،2014) ރަނަރަޕް (1966 ،1982 ،1986 ،2002)

ކޯޗު:ހަންސީ ފްލިކް (އުމުރު:57)

ފާހަގަ ކޮށްލެވޭ ކުޅުންތެރިން

ތޯމަސް މުލާ

އުފަން ތާރީހު: 13 ސެޕްޓެމްބަރު 1989

މަގާމު: ފޯވާޑް/ އެޓޭކިން މިޑްފީލްޑަރު

ޖަރުމަނު ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ މުލާ އަކީ މި ފަހަރުގެ އެ ޓީމުގެ ސްކޮޑުގައި އެޓޭކަށް ބަލާއިރު، ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. ޖަރުމަނު ޓީމުން މިދިޔަ 12 ވަރަކަށް އަހަރު ތެރޭ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ހޯދި ކާމިޔާބީ އާއި ރަނގަޅު ނަތީޖާތަކުގައި މުލާ ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ. ޔުއެފާ ނޭޝަންސް ލީގުގައި 2019 ވަނަ އަހަރު ނޮވެމްބަރު މަހު ނެދަލެންޑްސްއާ ކޮޅަށް ކުޅުނު މެޗަށް ފަހު މުލާ ޖަރުމަނު ގައުމީ ޓީމަށް ނުނަގަ އެވެ. އޭނާ އަށް އަލުން ގައުމީ ޓީމުން ފުރުސަތު ދިނީ ޔޫރޯއާ ދިމާކޮށެވެ. މުލާ ވަނީ ބަޔާނުން ހަތް ތަށި އުފުލާލިއިރު، އޭގެ މުހިއްމު ރޯލެއް ކުޅެފަ އެވެ. ބަޔާންގެ އެޓޭކްގައި އެންމެ ރަނގަޅު ކުޅުން ދައްކަނީ މުލާ އެވެ. މުހިއްމު ވަގުތުގައި ގޯލު ޖެހުމުގެ އިތުރުން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ. ގައުމީ ޓީމުގައި މުލާގެ ލަނޑު ޖެހުމުގެ ރެކޯޑަށް ބަލާއިރު، އޭނާ ވަނީ މިހާތަނަށް 44 ގޯލު ޖަހައިފަ އެވެ. މުލާ ވަނީ ވޯލްޑް ކަޕުގައި 16 މެޗު ކުޅުނު އިިރު 10 ގޯލު ޖަހާފައެވެ. އެގޮތުން މީގެ ތެރޭގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޕޯޗުގަލް ކޮޅަށް ހެދި ހެޓްރިކް ހިމެނެއެވެ. ބޭރުގެ ރިޕޯޓްތައް ބުނާގޮތުން މިއީ މުލާ ކުޅޭނެ ފަހު ވޯލްޑް ކަޕެވެ.

ޖޯޝުއާ ކިމިޗް

އުފަން ތާރީހު: 8 ފެބްރުއަރީ 1995

މަގާމު: މިޑްފީލްޑަރު/ ޑިފެންޑަރު

ޖަރުމަނު ޓީމުގެ މި ވަގުތު އެންމެ މުހިއްމު ކުޅުންތެރިއަކަށް ވާނެ އެއް ނަަމަކީ ޖޯޝުއާ ކިމިޗް އެވެ. އޭނާ އަކި ޑިފެންސްލައިނާއި މެދުތެރޭގެ އެކި މަގާމުތަކަށް ވެސް އެއް ފެންވަރެއްގައި މޮޅަށް ކުޅޭ ކުޅުންތެރިއެކެވެ. ކްލަބް ލެވަލްގައި ބަޔާން މިއުނިކަށާއި ޖަރުމަނު ގައުމީ ޓީމުގެ މެޗުތަކުގައި އޭނާ ވަނީ އެކަން ސާބިތުކޮށްދީފައެެވެ. ކޯޗު ފްލިކް ސިފަކުރާގޮތުގައި ކިމިޗް އަކީ ޖަރުމަނު ޓީމަށް ފިލިލް ލާމް ފަދައިން މުހިއްމު ދައުރެއް އަދާކުރެވިދާނެ ކުޅުންތެރިއެކެވެ. އިސްކޮޅުން ދިގު ނޫން ކަމުގައި ވިޔަސް ހުނަރުވެރިކަމަށް ބަލާއިރު ކިމިޗަށް ޓިމަށް ފައިދާހުރި އެތައް ކަމެއް ކުރެވިދާނެ އެވެ.

ޖާމަނީގެ ހަ އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ކުޅުނު ކިމިކް ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅުނީ 2016 ވަނަ އަހަރުގެ މެއި މަހުގައެވެ. އޭނާ ވަނީ އެ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ކުޅެފައެވެ. މިއީ ކިމިޗް ޖަރުމަނު ޓިމާ އެކު ކުރިމަތިލާ ބައިނަލްއަގުވާމީ ބޮޑު ފަސް ވަނަ މުބާރާތެވެ. އުމުރަށް ބަލާއިރު މިހާރު ވެސް ކިމިޗް ވަނީ ޖަރުމަނު ޓީމަށް ގިނަ މެޗުތަކެއް ކުޅެދީފަ އެވެ.

ޖާމަނީ ވޯލްޑް ކަޕް ސްކޮޑް

ޖަރުމަނުގެ ސްކޮޑު އިއުލާން ކުރިއިރު، މުހިންމު ދެ ކުޅުންތެރިން ކަމަށް ވާ ޓިމޯ ވާނާއާއި މާކޯ ރުއިސް އަނިޔާގައި ތިބުމުގެ ސަބަބުން ސްކޮޑުގައި ނުހިމަނައެވެ. މީގެ އިތުރުން ބޮރޫޝިއާ ޑޯޓްމުންޑްގެ ސެންޓަރ ބެކް މެޓް ހުމެލްސް ވެސް ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.

ގޯލްކީޕަރު ނޯޔާ އާއި ތޯމަސް މުލާގެ އިތުރުން 2014 ވަނަ އަހަރު ޖަރުމަނަށް ވޯލްޑް ކަޕް ތަށި ކަށަވަރުކޮށްދިން ރަން ގޯލު ކާމިޔާބު ކޮށްދިން މާރިއޯ ގޮޓްޒާ ވަނީ ސްކޮޑުގައި ހިމަނާފައެވެ.

ގޯލްކީޕަރުން: މެނުއަލް ނޯޔާ (ބަޔާން މިއުނިކް)، މާކް-އަންދްރޭ ޓަ ސްޓެގެން (ބާސެލޯނާ)، ކެވިން ޓްރެޕް (އެއިންޓްރެޗް ފްރެންކްފަޓް)

ޑިފެންޑަރުން: އާމެލް ބެލާ-ކޮޗަޕް (ސައުތުހެމްޓަން)، މަތިއަސް ގިންޓާ (އެސްސީ ފްރެއިބާގް)، ކްރިސްޓިއަން ގުންޓާ (އެސްސީ ފްރެއިބާގް)، ތީލޯ ކެހާ (ވެސްޓް ހަމް)، ލޫކަސް ކްލޮސްޓަމަން (ލެއިޕްޒިގް)، ޑޭވޮޑް ރައުމް (ލެއިޕްޒިގް)، އެންޓޯނިއޯ ރުޑިގާ (ރެއާލް މެޑްރިޑް)، ނިކޮ ޝޮލަޓަބެކް (ބްރޫޝިއާ ޑޯޓުމަންޑް)، ނިކްލަސް ސޫލޭ (ބްރޫޝިއާ ޑޯޓުމަންޑް)

މިޑްފީލްޑަރުން: ޖޫލިއަން ބްރަންޓް (ބްރޫޝިއާ ޑޯޓުމަންޑް)، ލެއޮން ގޮރެޓްސްކާ (ބަޔާން މިއުނިކް)، އިލްކޭ ގުންޑޮގަން (މެންޗެސްޓާ ސިޓީ)، ޖޯނަސް ހޮފްމަން (ލެއިޕްޒިގް)، ޖޯޝުއާ ކިމިޗް (ބަޔާން މިއުނިކް)، ޖަމާލް މުސިއަލާ (ބަޔާން މިއުނިކް)، މާރިއޮ ގޮޓްޒާ (އެއިންޓްރިޗް ފްރެންކްފާޓް).

ފޯވާޑުން: ކަރިމް އަދެޔާމި (ބްރޫޝިއާ ޑޯޓުމަންޑް)، ނިކްލަސް ފުލްކްރުގް (ވާޑާ ބްރެމެން)، ސާޖް ގިނަބްރީ (ބަޔާން މިއުނިކް)، ކައި ހަވާޓްސް (ޗެލްސީ)، ޔޫސުފާ މުކޯކޯ (ބްރޫޝިއާ ޑޯޓުމަންޑް)، ތޯމަސް މުލާ (ބަޔާން މިއުނިކް)، ލެރޮއި ސާނޭ (ބަޔާން މިއުނިކް).