މި މަހު 20 ގައި ފަށާ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވެސް ފަހަރުގައި ވެދާނެ ކަމަށް ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާ ޖޫނިއާ ބުނެފި އެވެ.

ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއްގައި ބާސެލޯނާ އިން ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އުޅޭނެ ކުޅުންތެރިޔެކެވެ. ނޭމާ މިހާތަނަށް ގައުމީ ޓީމަށް 121 މެޗު ކުޅެދީފައިވާއިރު، 75 ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. ބްރެޒިލްގެ އޯލް ޓައިމް ޓޮޕް ސްކޯރަރގެ ރެކޯޑާ ހަމަކުރަން އޭނާއަށް ދެން ބޭނުން ވަނީ އެންމެ 2 ލަނޑެވެ.

ބްރެޒިލްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނީ މިފަހަރު ވޯލްޑް ކަޕްގައި ކުޅޭނީ މިއީ ފަހު ވޯލްޑް ކަޕްގެ ގޮތުގައި ދެކިގެން ކަމަށާއި މިހާރު ކޮންމެ މެޗެއް ވެސް ކުޅެނީ އެއީ ފަހު މެޗުގެ ގޮތުގައި ދެކިގެން ކަމަށްވާއިރު މާދަމާ ވާނެ ގޮތް އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ.

އިތުރު ވޯލްޑް ކަޕެއްގައި ކުޅޭނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށާއި ފަހަރުގައި މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ނޭމާ ބުންޏެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕަށް ފަހު ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ބަދަލުވާއިރު އާ ކޯޗަށް އޭނާ ކަމު ނުދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ނޭމާ ބުނެފައިވެ އެވެ.

ބްރެޒިލްގެ ސަންތޯސް އިން ކެރިއަރު ފެށި ނޭމާ ޤައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 83 މެޗުގައި އޭނާ ވަނީ 53 ލަނޑު ޖަހައިފަ އެވެ. ނޭމާ އަކީ ހުނަރުގެ ގޮތުން އަރާ ހުރި ކުޅުންތެރިޔެކެވެ. ބްރެޒިލްއާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މުބާރާތުގެ ސެމީ ފައިނަލުން ބްރެޒިލް ކެޓިއިރު، އަނިޔާއަކާ ގުޅިގެން ނޭމާ އަށް އިންނަޖެހުނީ ކުޅި ބަލަންށެވެ. ދެން ޖެހިގެން އައި 2018 ވަނަ އަހަރުވެސް ވޯލްޑް ކަޕުގެ ތެރެއިން އަނިޔާގެ މައްސަލަތައް ނޭމާއާ ކުރިމަތިވިއެވެ. އެކަމަކު މި އަހަރު ނޭމާ ތަފާތު ދައްކައި، ބްރެޒިލް ތައްޓާ ހަމައަށް ގެންގޮސްދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ.

ބްރެޒިލް އަކީ މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވާ ހަމައެކަނި ޤައުމެވެ. އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ބްރެޒިލް ވަނީ ޖުމްލަ ފަސް ފަހަރު ވޯލްޑް ކަޕް އުފުލާލައިފަ އެވެ. އެއީ 1958، 1962، 1970، 1994 އަދި 2002 ވަނަ އަހަރެވެ.

ބްރެޒިލް އަކީ އަބަދު ވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ނެރޭ ޤައުމެކެވެ. ވޯލްޑް ކަޕް ކާމިޔާބުކުރި ކޮންމެ އަހަރަކު ވެސް، އެ ޤައުމުގައި ތިބީ ފުޓްބޯޅައިގެ ތާރީހުން ފާހަގަކުރެވޭ ކުޅުންތެރިންނެވެ.

ނޭމާގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ ބުނެފައިވަނީ މިއަހަރުގެ ވޯލްޑް ކަޕަކީ އޭނާ ފެނިގެންދާނެ ފަހު ވޯލްޑް ކަޕް ކަމަށެވެ.