މި މަހު 20 ގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ފޭވަރިޓުންނަކީ ބްރެޒިލްއާއި، ފްރާންސް އަދި އިންގްލެންޑް ކަމަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

އެއް ފެންވަރެއްގައި ގާތްގަނޑަކަށް 20 ވަރަކަށް އަހަރު މެސީ ހިފާއްޓަމުން އައިސް މި އަހަރަކީ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ އެންމެ މުހިއްމު އަހަރަށް މިއޮތީ ވެފައެވެ. ކުރިއަށް އޮތް ވޯލްޑްކަޕަކީ މެސީގެ ފަހު ވޯލްޑްކަޕެވެ. އެތަކެއް މިލިއަން ސަޕޯޓަރުންނެއް އެންމެ އިންތިޒާރުކުރާ ވޯލްޑްކަޕަށްފަހު މެސީ އެ މުބާރާތުން ދެން ނުފެންނާނެ އެވެ. އެންމެ ފަހުން ކުޅުނު ހަތަރު ވޯލްޑްކަޕުގައި ވެސް ވިދުން ގަދަ މެސީއަށް މިއީ މަރުގެ މުބާރާތެކެވެ.

ވޯލްޑް ކަޕާ ދިމާކޮށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ މުބާރާތުގައި ފެވަރިޓުންގެ ގޮތުގައި އާންމުކޮށް އުޅެނީ އެއް ޓީމުތަކެއް ކަމަށާއި ނަމަވެސް އެހެން ޓީމުތަކަށް ވުރެ ފެންވަރުގެ ގޮތުން މަތީގައި އުޅޭ ތިން ޓީމެއް އެބައޮތް ކަމަށެވެ.

"އެއީ ބްރެޒިލް، ފްރާންސް، އިންގްލެންޑް. އެ ތިން ޓީމު އުޅެނީ އެހެން ޓީމުތަކަށް ވުރެ ތަންކޮޅެއް މަތީގައި، އެކަމަކު ކޮންމެ ގޮތެއް ވެސް ހަމަ ވެދާނެ. އާޖެންޓީނާ އިން އެއްވެސް ޓީމަކާމެދު ޖެހިލުމެއް ނުވޭ." މެސީ ބުންޏެވެ.

މެސީ ބުނީ އާޖެންޓީނާއިން ޖެހިލުންވާ ވަރުގެ ޓީމެއް ނެތް ކަމަށާއި ސަޕޯޓަރުން ހާސް ނުވުމަށް އެދޭ ކަމަށެވެ. އަދި އާޖެންޓީނާ ޓީމެކޭ އެއްގޮތަށް އެހެން ޓީމުތަކުން ވެސް މުބާރާތާ ކުރިމަތިލާނީ ބޮޑެތި އުއްމީދުތަކާއެކު ކަމަށާއި ނަމަވެސް އާޖެންޓީނާއަށް އެއްވެސް ހާސްކަމެއް ނެތް ކަމަށް މެސީ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކަމުގެ މަގާމު ހަތް ފަހަރަށް ހޯދި މެސީ ބުނީ އާޖެންޓީނާއަކީ ގިނަ ބައެއްގެ ފޭވަރިޓުން ކަމަށް ވީ ނަމަވެސް ވޯލްޑް ކަޕްގެ އެއްވެސް މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށެވެ.

މިފަހަރުގެ ވޯލްޑްކަޕާ ކުރިމަތިލިއިރު، 2019 ވަނަ އަހަރުން ފެށިގެން އާޖެންޓީނާ އިން އަންނަނީ އެއްވެސް މެޗަކުން ބަލި ނުވެ އިޓަލީގެ ރެކޯޑް މުގުރާލުމާއި ގާތަށް އައިސްފައެވެ. އެގޮތުން އާޖެންޓީނާއިން ކުޅުނު 35 މެޗުން ބަލިވެފައެއް ނުވެއެވެ. އެންމެ ފަހުން އެ ޓީމު ބަލިވީ 2019 ގައެވެ. ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް އެންމެ ފަހުން ވޯލްޑްކަޕް ކާމިޔާބުކުރެވުނީ 1986 ގައެވެ.