އިއްޔެ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން ލިބުނު މޮޅާއެކު އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗާ ކުރިމަތިލާއިރު، އޮންނާނީ ބަލިނުވެ 36 މެޗުގެ ރެކޯޑަކާ އެކު އެވެ. އާޖެންޓީނާ އިން ބަލިނުވެ އިތުރު ދެ މެޗު ފުރިހަމަކޮށްފިނަމަ އިޓަލީގެ ރެކޯޑް މުގުރާލެވޭނެ އެވެ.

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާ އިން އިއްޔެ ކުޅުނު އެކުވެރިކަމުގެ މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން މޮޅުވީ 0-5 ގެ ނަތީޖާއިންނެވެ.

ވޯލްޑް ކަޕަށް ކުރިމަތިލާއިރު އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގައެވެ. އާޖެންޓީނާ ބަލިނުވެ ޖެހިޖެހިގެން 36 މެޗު ހަމަކޮށްފައިވާއިރު، މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ވެސް ކާމިޔާބުކުރިއެވެ.

ޔޫއޭއީގެ މުހައްމަދު ބިން ޒައިދް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނިޓްގައި އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން އާޖެންޓީނާގެ ލީޑުނެގީ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. މެޗުގެ 24 ވަނަ މިނިޓްގައި އެންހެލް ޑި މާރިއާ ޖެހި ވޮލީ އަކުން އާޖެންޓީނާ އިން ވަނީ ލީޑުފުޅާކޮށްފަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ޑި މާރިއާ ވަނީ އޭރިއާތެރޭގައި ތިބި ޔޫއޭއީ ޑިފެންޑަރުންގެ ތެރެއިން ދެމިގަތުމަށް ފަހު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއިން މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ދެ ވަނަ ހާފުގައި އާޖެންޓީނާގެ ފަހު ލަނޑު ޖެހީ ޔަކީން ކޮރޭއާ އެވެ.

ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ޖާދުލާ އެކު، 1986 ވަނަ އަހަރު އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އެ ގައުމަށް އަދި ވޯލްޑް ކަޕް ކާމިޔާބެއް ނުކުރެވެއެވެ. އޭގެ ފަހުން 1990 ވަނަ އަހަރާއި 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނެވެ.

ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ މި ފަހަރުގެ މުބާރާތުގައި ލައްވާލީ ގުރޫޕް ސީގައެވެ. މި ގުރޫޕްގައި ދެން އޮތީ ސައުދީ އަރަބިއްޔާ އާއި ޕޮލެންޑް އަދި މެކްސިކޯއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ދެން އޮތް 2 މެޗު ކުޅެ ރާއްޖެއާ ދެކޮޅަށް. ވަރަށް ފަސޭހައިން ތި ރެކޯޑު ހެދިދާނެ

    5
    8
  2. އައްމި

    ހުސޭނުބޭ، ތިހުރީ ހަމަ ހޭގައިތޯ؟ ތިދަންކަނީ ދުނިޔޭގެ ނަންބަރ ވަން ޓީމެއްގެ ވާހަކަ، ތަންކޮޅެއް އޮތްޓަރު ހުރި ވާހަކައެއް ދަންކަބަލަ، މުޅި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ހުރި ޓީމް

    10