ފީފާ ވޯލްޑް ކަޕަށް ފްރާންސުން ނެގި ސްކޮޑުގައި ކްރިސްޓޮފާ އެންކުންކޫގެ ބަދަލުގައި ރަންޑާލް ކޯލޯ މުއާނީ ހިމަނައިފިއެވެ.

މީގެ ކުރިން ފްރާންސުން އާންމުކުރި ސްކޮޑުގައި އެންކުންކޫ ވަނީ ސްކޮޑުގައި ހިމަނާފައެވެ. އަދި ކޯލޯ ހިމަނާފައެއް ނުވެއެވެ. ނަމަވެސް ފީފާއިން އާންމުކުރި ފްރާންސްގެ ފައިނަލް ސްކޮޑުގައި އެންކުންކޫގެ ބަދަލުގައި ވަނީ ކޯލޯ ހިމަނާފައެވެ.

އެންކުންކޫއަށް މުބާރާތް ގެއްލުނީ ފްރާންސް ޓީމުގެ ފަރިތަކުރުންތަކުގައި އޭނާއަށް އަނިޔާވުމުންނެވެ. އަންގާރަ ދުވަހުގެ ފަރިތަކުރުމުގައި އެންކުންކޫއާއި އެޑުއާޑޯ ކަމަވިންގާ ޖެހިގެން އެންކުންކޫގެ ކަކުލަށް ވަނީ އަނިޔާވެފައެވެ.

ފްރޭންކްފާޓްގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ކޯލޯ މުއާނީ ވަނީ އެ ޓީމަށް މި ސީޒަންގައި ކުޅުނު 23 މެޗުން އަށް ލަނޑު ޖަހައިފަ އެވެ. ގައުމީ ޓީމަށް މީގެ ކުރިން ކޯލޯ މުއާނީ ކުޅެފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ޔުއެފާ ނޭޝަންސް ލީގުގައި އޮސްޓްރިއާ އާއި ޑެންމާކާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުތަކުގަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މި ފަހަރުގެ މުބާރާތަށް ނުކުންނަނީ، 1962 ވަނަ އަހަރު ބްރެޒިލުން ތަށި ދިފާއުކުރި ފަހުން، އެކަން ހާސިލްކުރާ ފުރަތަމަ ޓީމަށް ވުމަށެވެ.

ފްރާންސުން ވަނީ އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައެވެ. އަދި 1998 ވަނަ އަހަރު ވެސް ފްރާންސުން ވަނީ މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

ވޯލްޑް ކަޕުގައި ފްރާންސް ހިމެނެނީ ޑެންމާކާއި ޓިއުނީޝިއާ އަދި އޮސްޓްރޭލިއާއާ އެކު ގްރޫޕް ޑީ ގަ އެވެ. ފުރަތަމަ މެޗުގައި ނޮވެމްބަރު 22 ގައި ފްރާންސް ނުކުންނާނީ އޮސްޓްރޭލިއާ އެވެ.