މެންޗެސްޓާ ޔުނައިޓެޑުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯއާ މެދު ފިޔަވަޅު އަޅެމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ރޮނަލްޑޯއަށް ފިޔަވަޅު އަޅަން ޔުނައިޓެޑުން ނިންމީ އެކުލަބާ ގުޅޭގޮތުން އޭނާ ޕިއާސް މޯގަންއަށް ދިން އިންޓަވިއުއާ ގުޅިގެންނެވެ. ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ގިނަ މައްސަލަތަކެއް ޖެހިފައިވާއިރު، މިއީ ރޮނާލްޑޯ އާންމުކޮށް އެވާހަކަތައް ދެއްކި ފުރަތަމަ ފަހަރެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ރޮނާލްޑޯ އަށް އަންގާފައިވަނީ ވޯލްޑް ކަޕަށް ފަހު ޓީމަށް އެނބުރި ނާއުމަށާއި އޭނާއާ މެދު އަޅާފިޔަވަޅެއްގެ ކަންކަން ގާނޫނީ ގޮތުން ބަލާފައި ކުރިއަށްގެންދާނެ ކަމަށެވެ. ޔޫރަޕްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ފުރަތަމަ ވިސްނުމަކީ ރޮނާލްޑޯގެ ކޮންޓްރެކްޓް ކެންސަލްކޮށްލުމެވެ.

ހަމައެހެންމެ، ރޮނާލްޑޯ ބޮޑު އަދަދަކުން ޖޫރިމަނާކޮށް، މުސާރައިގެ ބޮޑުބައެއް ނުލިބޭ ގޮތަށް ސަސްޕެންޑްކުރަން ވެސް ޔުނައިޓެޑް އޮތީ ތައްޔާރަށެވެ. އެގޮތުން ހަފްތާއަކު ދައްކަން ޖެހޭ ފަސް ލައްކަ ޔޫރޯ ޔުނައިޓެޑުން ނުދޭނެ ކަމަށް ބެލެވެއެވެ.

ރޮނާލްޑޯ ޕިއާސް މޯގަންއަށް ދިން އިންޓަވިއުގައި ބުނެފައިވަނީ އޭނާއާ ދެކޮޅަށް ޔުނައިޓެޑްގައި މަސައްކަތްކުރި މީހުން މިދިޔަ ސީޒަނުގައި ވެސް ތިބި ކަމަށާއި، 2013 ވަނަ އަހަރު އެލެކްސް ފާގަަސަން ދިޔަ ފަހުން ކްލަބްގައި ގިނަ ކަންކަން ދަނީ ގޯހުން ގޯހަށް ކަމަށެވެ.

"އެލެކްސް ފާގަސަން ޔުނައިޓެޑު ދޫކޮށްލި ފަހުން ކާމިޔާބަކީ ސުމެއް. ޔުނައިޓެޑުން އަހަރެން ބޭރުކުރަން މަސައްކަތް ކުރަނީ ހަމައެކަނި ޓެން ހާގްއެއް ނޫން. އަދި އެބައުޅޭ މި ކްލަބްގެ ދެތިން މީހެއް އެކަން ބޭނުންވާ، (ޔުނައިޓެޑުން) އަހަންނަށް ވަނީ އޮޅުވާލާފައި. އަހަރެން އެކަންކަމެއް ބަލަން ބޭނުމެއް ނޫން، އަހަރެން ބޭނުންވަނީ މީހުންނަށް ހަގީގަތް އެނގެން،" ރޮނާލްޑޯ ބުންޏެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނީ ޔުނައިޓެޑު ކަހަލަ ބޮޑެތި ޓީމުތައް އޮންނަންވާނީ އެންމެ އުހުގައި ކަމަށެވެ. ރޮނާލްޑޯ ބުނީ އޭނާ މެންޗެސްޓަރ ސިޓީ އަށް ދިޔުމަކީ ވެގެން ނުވާނެ ކަމެއް ކަމަށް ފާގަސަން އޭނާ ގާތު ބުނި ކަމަށެވެ. އަދި އޭނާ އެކަމަށް އާނއެކޭ ވެސް ބުނެފައިވާނެ ކަމަށް ބުންޏެވެ.

ރޮނާލްޑޯ ބުނެފައިވާގޮތުގައި، ޔުނައިޓެޑުގައި ބައިވަރު ގޯސް ކަންތައްތަކެއް ހުރި ކަމަށާއި، އެކަން ތަފާތު ކުރަން ބޭނުންނަމަ، އެތައް ކަމެއް ކުރަން ޖެހޭނެއެވެ. އަދި ފާގަސަން އަށް ފަހު ޔުނައިޓެޑަށް ކާމިޔާބު ނުލިބޭ ސަބަބުތައް ބައިވަރު ކަމަށް ރޮނަލްޑޯ ބުނެފައިވާއިރު، އެކަންކަން ރަނގަޅުކުރަން މަސައްކަތް ނުކުރާ ކަމަށްވެސް އޭނާ ބުނެފައި ވެެއެވެ. އަދި އޭނާއާ މެދު ކަންތައްތައް ޔުނައިޓެޑުން ކުރާ ގޮތުގެ ހަގީގަތް އެންމެ ރަނގަޅަށް ޔުނައިޓެޑާ ގުޅުން ހުރި އެންމެނަށް އެނގެން ޖެހޭ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.