އަންނަ އިންގްލެންޑްގެ އެޓޭކްގައި މިފަހަރު އެންމެ ބޮޑު ރޯލެއް އަދާ ކުރާނެ އެއް ކުޅުންތެރިއަކަށް ޕްރިމިއާ ލީގުގެ ކުލަބް ލެސްޓަ ސިޓީ އަށް ކުޅެމުން އަންނަ އެޓޭކިން މިޑްފީލްޑަރު ޖޭމްސް މެޑިސަން ވާނެއެވެ. އެކަމަކު، އޭނާގެ ބޭނުން ހިފިދާނެ ކަމާ މެދުގައި މިހާރު ވަނީ ސުވާލު އުފެދިފައެވެ.

އެއީ އިންގްލެންޑް އިން އެންމެ ފަހުން ބޭއްވި ދެ ފަރިތަކުރުންތަކުގައި ވެސް މެޑިސަން އަށް ބައިވެރިވެވިފައި ނުވާތީއެވެ. އެހެންވެ، އަންނަ ހޯމަ ދުވަހު ފީފާ ވޯލްޑް ކަޕްގައި އިރާނާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް މެޑިސަން އަށް ކުޅެވިދާނެ ކަމާ މެދުގައި މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މެޑިސަން އެންމެ ފަހުން ފަރިތަކޮށްފައި ވަނީ އިންގްލެންޑްގެ އެހެން ކުޅުންތެރިންނާ ވަކިން އެކަނިއެވެ.

މެޑިސަން އަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީން އެންމެ ފަހުން ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އުމުރުން 25 އަހަރުގެ މިޑްފީލްޑަރަށް އަނިޔާވެގެން، އޭނާ ބޭލި އިރު، މިހާތަނަށް އިންގްލެންޑް އިން ކުރި އެއްވެސް ފަރިތަކުރުންތަކެއްގައި މެޑިސަން ބައިވެރިނުވުމަކީ އެ ޓީމުގެ ކޯޗު ސައުތު ގޭޓް އަށް ބޮލުގެ ރިހުމަކަށް ވާނެ ކަމެކެވެ.

އިންގްލެންޑް ވޯލްޑް ކަޕާ ކުރިމަތިލާ އިރު، އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަތަކާ ވަނީ ކުރިމަތިވެފައެވެ.

އެގޮތުން ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރު ބެން ޗިލްޗެލް ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ޗިލްވެލްގެ އިތުރުން ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ޒުވާން ޑިފެންޑަރު ރީސް ޖޭމްސް އަށް ވެސް ވޯލްޑް ކަޕް ނުކުޅެވެއެވެ. އެކަމަކު، މެންޗެސްޓާ ސިޓީގެ ފޯވާޑް ކައިލް ވޯކާ ވަނީ އަނިޔާ އިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ.