ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ވިދާލި އެޑުއާގް ކަމަވިންގާ އަކީ އުމުރުން 20 އަހަރުގެ ޒުވާން ކުޅުންތެރިއެކެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި ރެއާލަށް ކާމިޔާބުވުމާއެކު، އެ ޓީމުން އުފާފާޅުކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކަމަވިންގާ އާއެކު އުމުރުން ހަތް އަހަރުގެ ކުއްޖެއް ވަނީ ފޮޓޯ ނަގާފައެވެ. މި ފޮޓޯ މީސް މީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ އެއީ ކަމަވިންގާގެ ދަރިއެއްތޯ ނުވަތަ ކޮއްކޮއެއް ކަމާމެދު ސުވާލު އުފައްދައިފައެވެ.

ހަގީގަތަކީ ކަމަވިންގާ އުމުރުން 12 އަހަރުގައި ބައްޕައަކަށް ވެފައި ވުމެވެ. އުމުރުން ހަތް އަހަރުގެ އެ ފިރިހެން ކުއްޖާގެ ބައްޕައަކީ ކަމަވިންގާ ކަމަށް އިތުބާރު ހިފޭ ރިޕޯޓްތަކުގައި ވެސް ވަނީ ބުނެފައެވެ. ނަމަވެސް ރިޕޯޓްތަކުން ބުނާގޮތުން ކަމަވިންގާ އަދި މިހާތަނަށް އެއްވެސް މީހަކާ އިނދެފައެއް ނުވެއެވެ.

މީގެ 18 އަހަރުކުރިން އެންގޯލާގެ މިކޮންޖްގެ ރެފިއުޖީ ކޭމްޕެއްގައި ކޮންގޯގެ އާއިލާ އަކަށް އުފަންވި ކަމަވިންގާ ފްރާންސްގެ ފުޖޭއާ އަށް ދިޔައީ އުމުރުން ދެ އަހަރުގައެވެ. އެ ތަނުގައި ދިރިއުޅެމުން ދިޔަ އިރު އެކި ދަތިތަކާ ދިމާވި އިރު، 2013 ވަނަ އަހަރު ކަމަވިންގާގެ އާއިލާ ދިރިއުޅެމުންދިޔަ ގެ އަލިފާނުގެ ހާދިސާއެއްގައި އަދައި އަޅިއަށްވިއެވެ.

ކިޔެވުމުގެ ނަސީބު ލިބިފައި ނެތުމުން އުމުރުން 11 އަހަރުގައި ފްރާންސްގެ މަޝްހޫރު ކްލަބް ރެނެސްގެ ޔޫތު ޓީމާ އޭނާ ގުޅުނެވެ. މިޑްފީލްޑާއި އެޓޭކްގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކަމަވިންގާގެ ހުނަރަށް ޔޫތު ލެވަލްގައި ވެސް ގިނަ ފުޓްބޯޅަ ކޯޗުން ތައުރީފުކުރިއެވެ. އުމުރުން 16 އަހަރާއި އެއް މަހުގައި ރެނެސްގެ އެންމެ ހަގު ޕްރޮފެޝަނަލް ކުޅުންތެރިޔާގެ ގޮތުގައި ކަމަވިންގާ އެ ޓީމާ އެކު ކޮންޓްރެކްޓްގައި ސޮއިކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

މިހާރު ކަމަވިންގާ އަކީ ރެއާލް މެޑްރިޑުގެ މެދު ތެރޭގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިޔާއެވެ. އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި ރެއާލްގެ މެދު ތެރެ އެންމެ ރަނގަޅަށް ބެލެހެއްޓުނީ ކަމަވިންގާ ކުރި ހިތްވަރުންނާއި މަސައްކަތުންނެވެ.

މީގެ އިތުރުން މި އަހަރުގެ ވޯލްޑް ކަޕަކީ ކަމަވިންގާ ކުޅޭ އެންމެ ފުރަތަމަ ވޯލްޑް ކަޕަށް ވީ ނަމަވެސް އޭނާ މިހާރު ދައްކަމުން އަންނަ ކުޅުމަށް ބަލައި ފްރާންސުގެ ފޭނުންގެ ސަމާލުކަން ކަމަވިންގާ ވަނީ ހޯދާފައެވެ. ކަމަވިންގާ އަށް އުމުރުން 19 އަހަރު ވީ އިރު އޭނާ ވަނީ ސްޕެނިޝް ލީގުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު އަދި ސުޕާކޮޕާ ޗެމްޕިއަންކަން ހޯދާފައެެވެ.