ގަތަރުގައި ރޭ ފެށި ވޯލްޑް ކަޕްގެ ތަށި އިންގްލެންޑުގެ ޓީމުން އުފުލާލައިފިނަމަ، ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 500،000 ޕައުންޑުގެ އިނާމެއް ދިނުމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމާފައިވެއެވެ.

ކުރިއަށް އޮތް ހަތަރު ހަފްތާ ކާމިޔާބުކަމާއެކު ނިންމާލައިފިނަމަ ޓީމުގެ ހުރިހާ ކުޅުންތެރިންގެ މެދުގައި ބެހުމަށް 13 މިލިއަން ޕައުންޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މީގެ ހަތަރު އަހަރު ކުރިން ޓީމަށް ހުށައެޅުނު ބޯނަސްގެ ދެގުނަ ބޮޑު އަދަދެކެވެ. ޓީމަށް ޗެމްޕިއަންކަން ލިބިއްޖެނަމަ ޓީމުގެ ކޯޗު ގެރެތް ސައުތްގޭޓަށްވެސް އޭނާގެ ކޮންޓްރެކްޓްގެ ހަ މިލިއަން ޕައުންޑުގެ އިތުރުން ތިން މިލިއަން ޕައުންޑުގެ ބޯނަސްއެއް ލިބޭނެއެވެ.

މުހިންމު މުބާރާތްތަކުގައި އިންގްލެންޑުން ދައްކަމުން އަންނަ މޮޅު ކުޅުން، މި މުބާރާތުގައި އިތުރަށް ރަނގަޅުކޮށް، ވޯލްޑްކަޕްގެ ތަށި އުފުލާލުމަށް އެގައުމުން ކުރަމުން އައިސްފައިވާ 56 އަހަރުގެ އިންތިޒާރު ނިމުމަކަށް ގެނެވޭތޯ ޓީމުން މިފަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރާނެއެވެ. 2018 ވަނަ އަހަރު ރަޝިއާގައި އޮތް އެންމެ ފަހުގެ މުބާރާތުގައި ސެމީ ފައިނަލާއި ހިސާބުން އިންގްލެންޑަށް އެ އަހަރުގެ ވޯލްޑްކަޕްގެ ދަތުރު ނިންމާލަން ޖެހުނު ކަމުގައިވިޔަސް، މިފަހަރު ގަތަރުގެ މުބާރާތަށް ޓީމަށް މިވަނީ ފައިސާގެ ބޮޑު ބޯނަސްއެއް ހުށައަޅާފައެވެ.

އިންގްލެންޑުގެ މި ބޯނަސް ޕްލޭންއަކީ އެހެން ބައެއް މަޝްހޫރު ޓީމުތަކާ ވެސް އެއްސަފަކަށް އެގައުމު ގެނެސްދޭ ޕްލޭނެކެވެ. ޖަރުމަނާއި ބެލްޖިއަމްގެ ޓީމަށްވެސް ވަނީ ގާތްގަނޑަކަށް ހަމަ މިވަރުގެ ބޯނަސްއެއް ހުށައަޅާފައެވެ. ހުރިހާ ގައުމުތަކެއްގެ ތެރޭންވެސް އެންމެ ބޮޑު ބޯނަސްއެއް ދެނީ ބްރެޒިލުންނެވެ. އޭގެ ބޮޑު ފަންޑެއް ލިބެނީ ޓީމްގެ 30 މިލިއަން ޕައުންޑުގެ ނައިކީ އެއްބަސްވުމުންނެވެ.

އިންގްލެންޑުގެ ގައުމީ ޓީމް

އިންގްލެންޑުން ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިރާނާއެވެ. މި މެޗް ފެށޭނީ ރާއްޖެ ގަޑިން މާދަމާ އިރުއޮއްސި ހައެއް ޖަހާއިރުއެވެ. އެއަށްފަހު އެގައުމުން ބައްދަލުކުރާނީ ގުރޫޕް ގައި ދެން ހިމެނޭ އެމެރިކާ އަދި ވޭލްސްއާއެވެ.

އިންގްލެންޑުން ދެވަނަ ބުރުގައި ނެދަލެންޑްސްއާއި ބައްދަލުކުރަން ނުޖެހޭނެ ގޮތެއް ވޭތޯ ގުރޫޕުގެ އެއްވަނަ ހޯދަން އެގައުމުން ހަމަ ގައިމުވެސް ވަރަށް މަސައްކަތް ކުރާނެއެވެ. ނަމަވެސް ކުއާޓާ ފައިނަލްގައި އިންގްލެންޑަށް މަގާމު ދިފާއުކުރުމަށް ނުކުންނަ ފްރާންސާއި ބައްދަލުކުރަން ޖެހުމުގެ ފުރުސަތު އެބަ އޮތެވެ.

މިދިޔަ ފަހަރު ޔޫރޯގައި އަމިއްލަ ދަނޑުގައި އިޓަލީ އަތުން ބަލިވުމަކީވެސް މިފަހަރު އިންގްލެންޑަށް ލިބޭނެ އިތުރު ހިތްވަރަކަށް ވާނެއެވެ. މިފަހަރުގެ މުބާރާތަށް ކޮލިފައިވެފައިނުވާ އިޓަލީ އަތުން އިންގްލެންޑު ބަލިވެފައިވަނީ ޕެނެލްޓީ ޖަހައިގެންނެވެ.

އިންގްލެންޑުގެ ޓީމަކީ ވަރަށް ގިނަ މީހުން ވޯލްޑް ކަޕްގައި ސަޕޯޓްކުރާ ޓީމެކެވެ. ސްޕެއިން އާއި ފްރާންސާއެކު އިންގްލެންޑަކީވެސް ޔޫރަޕުގެ ގެ ފޭވަރިޓެކެވެ. އިންގްލެންޑު މިފަހަރު ތަށި އުފުލާލައިފިނަމަ ފީފާއިން ޗެމްޕިއަން ޓީމަށް ދޭ އިނާމާއި، ކުޅުންތެރިންގެ ޕާސަނަލް ސްޕޮންސަރުންގެ ފަރާތުން ލިބޭ ވިޔާފާރީގެ ފައިދާތަކާއި، އިންގްލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ދޭ ބޯނަސްގެ އިތުރުން ލިބޭނެ އެންމެ ބޮޑު އިނާމަކީ ވޯލްޑްކަޕް 2022 ގެ ޗެމްޕިއަން ކަމުގެ މަގާމެވެ.