ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލާފައިވާކަން އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑުން ހާމަ ކޮށްފިއެވެ.

ރޮނާލްޑޯގެ ކުރީގެ ކްލަބް ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑަށް އަންނަން އޭނާ އެއްބަސްވުމަކަށް އައިސްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރު އެ ކްލަބުން ވަނީ އޭނާ ދޫކޮށްލަން ނިންމާފައެވެ.

ރޮނާލްޑޯ ދޫކޮށްލަން އެކްލަބުން ނިންމި ނިންމުން ހާމަ ކުރަމުން އެ ކުލަބުގެ ރަސްމީ އެކައުންޓުތައް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއުލާން ނެރުނު ވަގުތުން ފެށިގެން ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ހެދިފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެކްލަބުން ބުނެފައިވަނީ އެ ނިންމުން ނިންމާފައިވަނީ ދެ ފަރާތުން ވާހަކަ ދެކެވިގެން ކަމަށެވެ.

އެ ނިންމުން އެގޮތަށް ނިންމާފައިވާކަން ރޮނާލްޑޯ ވެސް ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.

"އަހަރެން ޔުނައިޓެޑް ދެކެ ވަރަށް ލޯބިވޭ. އަދި ފޭނުން ދެކެ ވެސް ލޯބިވޭ. އެކަން ބަދަލެއް ނުވާނެ. އެހެން ނަމަވެސް އަހަރެން ދެކެނީ މިއީ އެހެން ޗެލެންޖަކާއި ދިމާލަށް ދާން ޖެހޭ ވަގުތު ކަމަށް" ރޮނާލްޑޯ ބުންޏެވެ.

ދެފަހަރެއްގެ މަތިން ޔުނައިޓެޑާއި ގުޅުނު ރޮނާލްޑޯ ވަނީ އެ ކްލަބުގައި އޭނާ ހޭދަ ކުރި މުއްދަތުގައި 346 މެޗު ކުޅެ، 145 ލަނޑު އެ ކްލަބަށް ކާމިޔާބު ކޮށްދީފައެވެ.