މެންޗެސްޓާ ޔުނައިޓެޑުން ކްރިސްޓިއާނޯ ރޮނަލްޑޯއާއެކު ހަދާފައިވާ އެއްބަސްވުން އިއްޔެ އުވާލުމާ ގުޅިގެން ޔުނައިޓެޑަށް އެ ނޫން ގޮތެއް ނެތް ކަމަށާއި ރޮނާލްޑޯ އަށް ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް އެދޭ ކަމަށް ޔުނައިޓެޑްގެ ލެޖެންޑް ވޭން ރޫނީ ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯގެ އެއްބަސްވުން އުވާލީ ޔުނައިޓެޑަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށް ޓޯކް ޓީވީގެ ޕިއޭސް މޯގަން އަށް ދިން އިންޓަވިއުއާ ގުޅިގެންނެވެ.

ޕިއާސް މޯގަންއަށް ދިން އިންޓަވިއުގައި ޔުނައިޓެޑްގައި ރޮނާލްޑޯއާ އެކު ކުޅުނު ވޭން ރޫނީ އަށް ވެސް ވަނީ ބަހުގެ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ރޮނާލްޑޯ ބުނީ އޭނާއާ މެދު ރޫނީ އެހާ ހިތްހަމަނުޖެހޭ ސަަބަބެއް ނޭނގޭ ކަމަށެވެ. ޔަގީނުން ވެސް އެނގެން އޮތް ކަމަކީ ރޫނީ އެ ހުރީ ކެރިއަރު ނިންމާލައިގެން ކަމަށެެވެ. އަދި ރޮނާލްޑޯ އަދިވެސް ކުޅެމުން އަންނާތީ އެ ކަމާ ރޫނީ ހިތްހަމަނުޖެހެނީ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

"އަހަންނެއް ނޫޅެން އަހަރެން މި ހުރީ ރޫނީ އަށް ވުރެ ރީއްޗަށޭ ބުނަން، އެކަމަކު، ޔަގީނުން ވެސް އެއީ ތެދެއް،"

ރޮނާލްޑޯގެ އެއްބަސްވުން އުވާލުމާއެކު މީޑިއާތަކުން ކުރި ސުވާލަށް ޖަވާބު ދެމުން ރޫނީ ބުނީ އިންޓަވިއު މައްސަލައިގައި ޔުނައިޓެޑަށް ރޮނަލްޑޯގެ އެއްބަސްވުން އުވާލުން ނޫން ގޮތެއް ނެތް ކަމަށެވެ.

"ޔުނައިޓެޑަށް ރޮނާލްޑޯ ދޫކޮށްލުން ނޫން ގޮތެއް ނެތް. އޭނާ އަކީ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކުޅުންތެރިއެއް ނަމަވެސް މިއީ ލަދުވެތި ކަމެއް. އެކަމަކު ވެސް އަހަރެން އެދެނީ ކުރިއަށް އޮތް ތަނުގައި އޭނާއަށް ކާމިޔާބު ލިބުމަށް،" ރޮނަލްޑޯއާއެކު ފަސް އަހަރު ވަންދެން ޔުނައިޓެޑުގައި ކުޅުނު ރޫނީ ބުންޏެވެ.

ރޫނީ ބުނީ މި ސީޒަން ފެށުނީއްސުރެ ރޮނާލްޑޯ ކަންތައްތައް ކުރަމުން އައީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އަދި އެއީ ޔުނައިޓެޑަށް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރޫނީ ވަނީ ކުލަބުތަކުގެ މެނޭޖަރުންނަށް އިހުތިރާމް ކުރުމަށާއި ކޯޗުން ދޭ އިރުޝާދާ ކުޅުންތެރިންނާ މެދު ކަންތައް ކުރާ ގޮތްގަތަކަށް އިހުތިރާމް ކުރުމަށް ވެސް ރޮނާލްޑޯއަށް ނަސޭހަތްތެރިވެފައެވެ.

ރޮނާލްޑޯ ދިން އިންޓަވިއުގައި އޭނާއަށް ކުލަބާއި، ކޯޗުން އިހުތިރާމް ނުކުރާކަމަށް ވަނީ ބުނެފައެވެ. އަދި އިހުތިރާމް ނުކުރާ ބަޔަކަށް އޭނާ ވެސް އިހުތިރާމް ނުކުރާނެ ކަމަށާއި، ޔުނައިޓެޑުގެ ވެރިން އެކުލަބާ ދޭތެރޭ މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ޔުނައިޓެޑްގެ ތެރޭގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް، ރޮނާލްޑޯ ވަނީ ކުލަބުގެ އަގު ވެއްޓޭ ގޮތަށް ގިނަ ވާހަކަތަކެއް ދައްކައިފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯގެ އެއްބަސްވުން އުވާލީ އޭނާގެ ކޮންޓްރެކްޓުގައި ބާކީ ހަތް މަސް އޮއްވަ އެވެ. އޭނާ ޔުނައިޓެޑްގައި ހުރީ ހަފްތާއަކު 500،000 ޕައުންޑްގެ މުސާރައަކަށެވެ. މިއާ އެކު ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ގައި ހިލޭ ޓްރާންސްފާގައި ކުލަބް ބަދަލު ކުރުމުގެ ފުރުސަތު ރޮނާލްޑޯ އަށް ވަނީ ލިބިފަ އެވެ.