ކެނެޑާގެ ކޯޗު ޖޯން ހާޑްމަންގެ އުމުރުން އޭރު އެންމެ 17 އަހަރެވެ. އެކަމަކު، އެހާ ކުޑަ އިރު ވެސް ހާޑްމަން، ސްޕެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަން އެނގޭ ހެއްޔެވެ؟

އިނގިރޭސި ވިލާތުގެ ނިއުކާސަލް އިން ސްޕެއިންގެ މަލާގާ އަށް 1993 ވަނަ އަހަރު ދަތުރު ކުރި މަތިންދާ ބޯޓުގައި ކުޑަ ކުއްޖެއްގެ ގޮތުގައި އިނީ ހާޑްމަންއެވެ. އަދި ހާޑްމަން އިން ބޯޓު ނައްޓާލި ފަހުން، އޭނާ ވަނީ ބޯޓުގައި ގޮވާ އެއްޗެއް އޮތް ކަމަށް ބުނެ ފަސެންޖަރުންނާއި ޕައިލެޓުން ބިރު ދައްކައިފައެވެ.

އަދި ދަބަހުގައި އޮތް އެ ގޮވާ އެތި ގެންދަން ބޭނުން ވަނީ ލުބުނާންގެ ބެއިރޫތަށް ކަމަށް ބުނެފައިވެއެވެ.

ހާޑްމަން އެގޮތަށް ބުނުމާ ގުޅިގެން ބްރިޓާނިއާ އެއާވޭސްގެ ޕައިލެޓް ވަނީ ފްލައިޓު ދަތުރު ކުރަންވީ މަންޒިލާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި އެ ބޯޓު މަލާގާ އަށް ދިއުމަށް އެންގި ކަމަށްވެއެވެ.

މަލާގާ އަށް ބޯޓު ޖެއްސުމާ އެކު، ސްޕެއިން ފުލުހުން ވަނީ ހާޑްމަން ވަގުތުން ހައްޔަރުކޮށްފައެވެ. އަދި މަތިންދާ ބޯޓާއި ހާޑްމަން އަދި އޭނާ ގެންގުޅުނު ތަކެތި ބަލައި ފާސްކޮށްފައިވެއެވެ.

އެކަމަކު، އޭނާގެ އަތުން އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

ފަހުން، ހާޑްމަން ވަނީ ސްޕެއިންގެ ކޯޓަކަށް ވެސް ގެންގޮސްފައެވެ. ކޯޓަށް ގެންދިއުމުން ހާޑްމަން އެ ދުވަހު ބުނެފައި ވަނީ އެއީ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށެވެ.

ކެނެޑާ އަށް ފުރިހަމަ އަށް އިތުބާރު ކުރަން: ބެލްޖިއަމް ކޯޗު

"އޭނާ (ހާޑްމަން) ހައްޔަރު ކުރީ ފްލައިޓް ޖެއްސި ތަނުން. އޭނާ ބަލައި ފާސް ކުރި ބޮމާއި ހަތިޔާރު ފެނޭތޯ، އެކަމަކު، އެއްވެސް އެއްޗެއް ނުފެނޭ. ފަހުން އޭނާ ދޫކޮށްލި،" ފުލުހުންގެ ތަރުޖަމާނަކު ބުނެފައިވެއެވެ.

ހާޑްމަންގެ ބައްޕަގެ ވަޒީފާ ގެއްލުމާ ގުޅިގެން ބައްޕަ އަށް ނަފްސާނީ މައްސަލަތަކެއް ދިމާވިއެވެ. ހާޑްމަންގެ މަންމައަކީ ބަނގުރާ އަށް ދެވިހިފާފައި ހުރި މީހެކެވެ. އެކަމަކު، ޔުނިވަސިޓީގައި ކިޔެވި އިރު، ހާޑްމަން ބޭނުންވީ ކޯޗިން ދާއިރާގައި މަސައްކަތް ކުރުމަށެވެ.

ހާޑްމަން ވަނީ ނިއުޒިލެންޑްގެ އަންހެން ޓީމަށާއި ކެނެޑާގެ އަންހެން ޓީމަށް ކޯޗުކޮށް ދީފައެވެ. އަދި 2012 ގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި ކެނެޑާގެ އަންހެން ޓީމަށް ބްރޯންޒް މެޑަލް ހޯދައި ދީފައެވެ. ހާޑްމަން ކެނެޑާގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވެފައި ވަނީ ޖެނުއަރީ 2020 ގައެވެ.

ކެނެޑާ އިން އެންމެ ފުރަތަމަ ވޯލްޑް ކަޕެއް ކުޅުނީ 1986 ވަނަ އަހަރެވެ. އަދި މި އަހަރުގެ ވޯލްޑް ކަޕަށް ކެނެޑާ ގެންގޮސް ދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރީ މިހާރު އެ ޓީމުގެ ކޯޗަކަށް ހުރި ހާޑްމަންއެވެ. މިއީ 36 އަހަރު ފަހުން ކެނެޑާ މި މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕްގައި ކެނެޑާ ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު ބައްދަލު ކުރާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު ބެލްޖިއަމްއާ ދެކޮޅަށެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ހާޑްމަން ބުނީ ވޯލްޑް ކަޕާ ކުރިމަތިލާ އިރު، ކެނެޑާއަކީ ވެސް އެހެން ޓީމުތަކާ އަޅާ ބަލާއިރު، ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ވޯލްޑް ކަޕްގައި ކެނެޑާ ކުޅުންތެރިން %100 ދޭނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ވެސް ކޯޗު ބުންޏެވެ.