ފީފާ ވޯލްޑް ކަޕްގައި މިރޭ ސާބިއާ އާއި ބްރެޒިލް ނުކުންނަ އިރު، ބްރެޒިލް ދެކެ ޖެހިލުން ނުވާ ކަމަށް ސާބިއާގެ ކޯޗު ޑްރަގާން ސްޓޮޖްކޮވިޗް ބުނެފިއެވެ.

ބްރެޒިލް އާއި ސާބިއާ މިފަހަރު އޮތީ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ކެމަރޫން އާއި ސްވިޓްޒަލެންޑެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި ކެމަރޫނާއި ސްވިޒަލެންޑް ބައްދަލު ކުރި މެޗު 1-0 އިން ކާމިޔާބު ކުރީ ސްވިޒެލެންޑެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްޓޮޖްކޮވިޗް ބުނީ ސާބިއާ ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށް ދިޔަ ދަނޑުގައި ޑްރޯނެއް އަރުވައިގެން ބްރެޒިލުން އެ މަންޒަރުތައް ބެލި ކަމަށް ބުނެ އަޑު ފެތުރުނު ކަމުގައި ވިޔަސް، އެއީ ހަގީގަތެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"އަހަރެން ގަބޫލެއް ނުކުރަން އަހަރުމެން ބަލާފާނެ ކަމަކަށް. އެމީހުން އެއީ ކޮން ބައެއް އަހަރުމެން ބަލަން؟ އެއީ (ބްރެޒިލް) ފުޓްބޯޅައިގައި ގަދަ ބާރެއް،" ސާބިއާ ކޯޗު ބުންޏެވެ.

ބްރެޒިލްއަކީ ވަރުގަދަ ޓީމެއް ކަން ފާހަގަކޮށް ސާބިއާ ކޯޗު ބުނީ އެއީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމު ކަމަށެވެ. އެ ޓީމަކީ ރަން ތާރީހެއް އޮތް ޓީމެއް ކަމަށް ވެސް ކޯޗު ބުންޏެވެ.

"އަހަރެން ގަބޫލު ކުރަނީ މި މެޗު އުނދަގޫ ވާނެ ކަމަށް. މި މެޗު ފަށާނީ 0-0 އިން. އަހަރުމެންނަށް ފުރުސަތު އެބައޮތް މެޗުން މޮޅުވުމުގެ. އަހަރުމެން ބްރެޒިލް ދެކެ ވެސް އަދި އެހެން ޓީމެއް ދެކެ ވެސް ބިރެއް ނުގަނޭ،" ސާބިއާ ކޯޗު ބުންޏެވެ.

މި މެޗަށް ސާބިއާ ނުކުންނައިރު ޔުވެންޓަސްގެ ވިންގް، ފިލިޕް ކޮސްޓިކްގެ ފިޓްނަސްއާ މެދު ސުވާލު އުފެދިފައިވެއެވެ. އެކަމަކު، ފުލަމްގެ ފޯވަޑް އެލެކްޒަންޑާ މިޓްރޮވިޗް މިރޭގެ މެޗުން ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މިޓްރޮވިޗް ވަނީ މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ނުވަ ލަނޑު ޖަހައިފައެވެ.

ސާބިއާ އާއި ބްރެޒިލް ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.