ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ ވޯލްޑް ކަޕެއް ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސުން ވަނީ އޮސްޓްރޭލިއާ 4-1 އިން ބަލިކޮށްފައެވެ. މުބާރާތުގައި ވިދާލާނެ ކަމަށް ބެލެވޭ އެމްބާޕޭ އެ މެޗުގައި ވަނީ އެއް ގޯލް ޖަހައި އެސިސްޓެއް ވެސް ހަދައިފައެވެ. މި މުބާރާތުގައި މިރޭ ފްރާންސް ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ.

މި ސީޒަންގެ ފްރާންސް ލީގުގައި ވެސް އެމްބާޕޭ އަންނަނީ ޕީއެސްޖީ އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ޕީއެސްޖީ މިވަގުތު ތާވަލްގެ އެއްވަނައިގައި އޮތް އިރު، އެމްބާޕޭ ކުޅުނު އަށް މެޗުގައި އޭނާ ވަނީ 12 ގޯލް ޖަހައިފައެވެ. ފްރާންސް ލީގުގައި ވެސް އެންމެ ވިދުން ގަދަ ތަރިއަކީ އެމްބާޕޭއެވެ.

އެހެންވެ، ފްރާންސްގެ ކޯޗަށް އެމްބާޕޭއާ މެދުގައި އިތުބާރު އެބައޮތެވެ. އެމްބާޕޭގެ ހުނަރު ފެނިގެން ދަނީ ހަމައެކަނި ފަޔަކުން ނޫން ކަން އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ސާބިތުކޮށްދީފައެވެ. އޮސްޓްރޭލިއާ ކޮޅަށް އެމްބާޕޭ ލަނޑު ޖަހާފައި ވަނީ ފުންމައިގެން އަރައި ބޯޅައިގައި ބޮލުން ޖަހައިގެންނެވެ.

"ކިލިއަންގެ އަބަދުގެ ވެސް ހުވަފެނެއް އެއީ ބޮލުން ގޯލް ޖެހުމަކީ. އެކަން ކުރަން ފަށައިފި ނަމަ، އޭނާ މިހާރަށް ވުރެ ވެސް ނުރައްކާތެރި ކުޅުންތެރިއަކަށް ވާނެ،" ކޯޗު ބުންޏެވެ.

"އަހަރެން ގަބޫލު ކުރަނީ އޭނާ މިރެއަށް ތައްޔާރު ވާނެ ކަމަށް، މިއީ އޭނާގެ މުބާރާތެއް،"

އެމްބާޕޭ ފްރާންސްގެ ގައުމީ ޓީމަށް ލަނޑު ޖަހަމުން އަންނަ ރޭޓް ވެސް ރަނގަޅެވެ. ފްރާންސަށް އެންމެ ގިނަ އިން ލަނޑު ޖަހައި ދިން ކުޅުންތެރިންގެ ލިސްޓްގެ ގަދަ 10 ގައި އެމްބާޕޭ ވަނީ ހިމެނިފައެވެ. އޭނާ ވަނީ މިހާތަނަށް އައިއިރު ފްރާންސަށް 60 މެޗު ކުޅެދީ 29 ގޯލް ކާމިޔާބުކޮށްދީފައެވެ.

ޑެޝޯމްޕްސް ބުނީ އެމްބާޕޭ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި އޭނާ މިހާރު ކުޅެނީ ވަރަށް އިތުބާރާ އެކު ކަމަށެވެ. އެގޮތުން އެމްބާޕޭގެ ކުޅޭ ގޮތުން ވެސް އޭނާ ހުރީ މި މުބާރާތަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަން އެނގޭ ކަމަށް ވެސް ޑެޝޯމްޕް ބުންޏެވެ.

ޑެޝޯމްޕްސް ބުނީ އެމްބާޕޭގެ އަމިއްލަ ހުނަރު ހުރުމަކީ ވެސް ފްރާންސަށް ލިބޭ ފައިދާއެއް ކަމަށެވެ. އަދި ފްރާންސްގައި ގިނަ އަދަދަކަށް އެޓޭކިން ކުޅުންތެރިން ތިބިއިރު އޭގެތެރެއިން ވެސް އެމްބާޕޭ އަކީ އެންމެ މޮޅު ތަފާތު ކުޅުންތެރިއާ ކަމަށް އޭނާ ބުންޏެވެ.

ފްރާންސާއި ޑެންމާކް ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ނުވައެއް ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަމޭ

    ދެން އެމްބާޕޭގެ ވޯލްޑްކަޕަކަށް ވެއްޖިއްޔާ ދެން އެހެން ޓީމުތަކުން ތި ތަށި ހޯދަން ކުޅޭނެކަމެއް ނެތެއްނު ދޯ! ފްރާންސަކަށްވެސް ނޫން އޭނައަށް ޓްރޮފީ ދީފަ ނިންމަލާ މުބާރާތް. އަޖައިބު...