އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް އިން އަންނަ އަހަރުގެ ޖުލައި 20 އިން އޯގަސްޓް 20 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ވުމެންސް ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ފުރުޞަތު ފަލަސްތީންގެ އަންހެން ރެފްރީއެއް ކަމަށްވާ ހެބާ ސާދިއާ ހޯދައިދީފިއެވެ. މިއީ ވުމެންސް ވޯލްޑް ކަޕްއެއްގައި ފަލަސްތީނުގެ ރެފްރީއަކު ދަނޑު މަތިން ފެންނާނެ ފުރަތަމަ ފަހަރެވެ. ފީފާއިން ރަސްމީކޮށް މިކަން އިއުލާން ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައިއެވެ.

މިދިޔަ އަހަރު ރެފްރީކަން ކުރަން ފަށާފައިވާ ހެބާ އޭނާގެ ކެރިއަރ ފަށާފައި ވަނީ ބައިނަލްއަޤްވާމީ ފިރިހެން ޓޯނަމަންޓަކުންނެވެ. އެއަށްފަހު އޭނާ ވަނީ ފެބްރުވަރީ މަހު އިންޑިޔާގައި ބޭއްވުނު އޭޝިއާ ވުމެންސް ކަޕް އަދި ޖޫންގައި ވިއެޓްނާމްގައި ހޯސްޓްކުރި އޭއެފްސީ ކަޕްގައިވެސް ރެފްރީކަން ކޮށްދީފައެވެ.

މިފަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ނިއުޒީލޭންޑް އަދި އޮސްޓްރޭލިއާގައިއެވެ. މިފަހަރުގެ ވުމެންސް ވޯލްޑް ކަޕްގައި މި ނޫންވެސް އެހެނިހެން އައު ކަންތައްތައް ފާހަގަކޮށްލެވެއެވެ. މިއީ ދެކުނު ހެމިސްފިއާގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި ދެޤައުމެއްގައި މުބާރާތް ހޯސްޓް ކުރަން ނިންމާފައިވާ ފުރަތަމަ ފަހަރުވެސް މެއެވެ.

މިފަހަރުގެ މުބާރާތުގައި 32 ޓީމަކުންން އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2023 ގެ ތަށްޓަށް ވާދަކުރާނެއެވެ. މިއީ މިހާ ގިނަ ޓީމްތައް ހިމަނައިގެން އަންހެނުންގެ ވޯލްޑް ކަޕް ބޭއްވޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން 2019 ވަަނަ އަހަރުގައި ބޭއްވުނު މުބާރާތުގައި ބައިވެރިކޮށްފައި 24 ޓީމްއެވެ.