ސައޫދީ ޕްރޮފެޝަނަލް ލީގުގައި ރޭ ރަށުން ބޭރުގައި އަލް އިއްތިހާދު އަތުން ބަލިވެ އަލް ނަސްރަށް ލީގުގެ އެއްވަނަ މަގާމު ގެއްލުމުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރުޅިގަދަ ވެއްޖެއެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ އިރު މެޗަށް ފަހު ރޮނާލްޑޯ ޓީމުގެ ކުޅުމާއި އަދި މެޗުގެ ނަތީޖާ އާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިތަން ފެނިގެންދިޔައެވެ.

އިއްތިހާދުގެ ދަނޑުގައި ކުޅިނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު އިއްތިހާދު ވަނީ 20 މެޗުން 47 ޕޮއިންޓް ހޯދައިގެން ލީގު ތާވަލުގެ އެއް ވަނައަށް ޖެހިލައިފައެވެ. އެއް ޕޮއިންޓް މަދުކޮށް ނަސްރު އޮތީ ދެ ވަނައިގައެވެ.

މެޗުން ބަލިވުމުން ރޮނާލްޑޯގެ ގާތަށް ރުޅި އަތުވުމުން ޓީމުގެ ކުޅުންތެރިން ވަނީ އޭނާއާއި ވާހަކަ ދައްކަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އޭނާ ވަނީ ދަނޑުމަތީގައި ކުޅުންތެރިންނާއި ވާހަކަ ނުދައްކައި ދަނޑުން ފައިބައިފައެވެ. އަދި ދަނޑުން ފައިބައިގެން ދިޔަ ވަގުތު އެތަނުގައި ހުރި ފެންފުޅިތަކެއްގައި ވެސް ރުޅިގަދަ ވެގެން އޭނާ ފައިން ޖަހައެވެ.

އިއްތިހާދުން ވަނީ މިދިޔަ ޖެނުއަރީ މަހު ސައުދީ ސުޕަ ކަޕް ގެ ސެމީ ފައިނަލް ގައި ވެސް ރޮނާލްޑޯއާ އެކު ކުޅެމުން ދިޔަ ނަސްރު ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އަލް އިއްތިހާދު ޓީމުންނެވެ. މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮމާރީނިހޯ އެވެ. މިއީ އެޓީމުގެ ސައޫދީ ޑިފެންޑަރު އަޙްމަދު ޝަރަހިލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި، ލީގުގައި އޭނާ ކާމިޔާބުކުރި 7 ވަނަ ލަނޑެވެ.