އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން 3-3 އިން އާސެނަލް އެއްވަރުވެ، ލީގުގެ ތަށި ހޯދުމަށް ލިބުނު ތަނަވަސް ފުރުސަތުގެ ބޭނުން ނުހިފި ޓީމު ޕްރެޝަރަށް ވެއްޓިއްޖެއެވެ.

އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ 20 މިނެޓު ތެރޭގައި ސައުތެމްޓަން ވަނީ ދެ ލަނޑު ޖަހައި އާސެނަލް ހާސްކޮށްލައިފައެވެ. އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ހެދި ގޯހެއްގެ ފައިދާ ނަގައި މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑު ޖެހީ ސައުތެމްޓަންގެ އާޖެންޓީނާ ފޯވާޑް، ކާލޮސް އަލްކަރާޒްއެވެ.

އަދި އަލްކަރާޒް ދިން ބޯޅައަކުން 14 ވަނަ މިނެޓުގައި ސައުތެމްޓަން އަށް ލީޑުފުޅާކޮށް ދިނީ ކުރިން އާސެނަލަށް ކުޅުނު ތިއޯ ވޮލްކޮޓްއެވެ. މި ލަނޑަށް ފަހު، އާސެނަލްގެ ކުޅުން ވަރުގަދަކޮށް، ސައުތެމްޓަންގެ ގޯލަށް ނުރައްކާ ކުރެވޭތޯ އާސެނަލްގެ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.

އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި އިނގިރޭސި ވިލާތުގެ އާސެނަލް ވިންގާ ބަކާޔޯ ސަކާ ނެގި ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލާފައި ވަނީ ބްރެޒިލްގެ އާސެނަލް ވިންގާ، ގެބްރިއަލް މާޓިނެލީއެވެ. ފުރަތަމަ ހާފް ނިމިފައި ވަނީ 2-1 އިން ސައުތެމްޓަން ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން 66 ވަނަ މިނެޓްގައި ސައުތެމްޓަންގެ ކްރޮއޭޝިއާގެ ޑިފެންޑަރު، ޑޫޖް ޖަލެޓާ ޖާ ވަނީ ބޮލުން ގޯލެއް ޖަހައި، ސައުތެމްޓަންގެ ލީޑުފުޅާކޮށްދީފައެވެ.

އެކަމަކު، މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އާސެނަލް އިން ކައިރި ކައިރީގައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ވަނީ ހަމަހަމަކޮށްދީފައެވެ. މެޗުގެ 88 ވަނަ މިނެޓުގައި އާސެނަލްގެ ނޯވާ މިޑްފީލްޑަރު މާޓިން އޮޑިގާޑް ލަނޑެއް ޖެހިއިރު، ސަކާ ވެސް ވަނީ ލަނޑެއް ޖަހައިފައެވެ.

މެޗުން އެއްވަރުވި ނަމަވެސް އާސެނަލް އަދިވެސް އޮތީ އެއްވަނައިގައެވެ. އެއީ ކުޅުނު 32 މެޗުން ލިބުނު 75 ޕޮއިންޓާއެކުގައެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 30 މެޗުން 70 ޕޮއިންޓް ލިބިފައެވެ. ސިޓީން މިހާރު އޮތްގޮތުން، އާސެނަލާ އާ މެޗު ހަމަހަމަކޮށްގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، ސިޓީ އަށް ވެސް ލިބޭނީ އެއް ޕޮއިންޓްގެ ލީޑެކެވެ.

ޕްރިމިއާ ލީގުގައި އަންނަ ބުދަ ދުވަހުގެރޭ ސިޓީ ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. އެ މެޗުން އާސެނަލް މޮޅުވެއްޖެ ނަމަ، ޕްރިމިއާ ލީގު ހޯދުމުގެ ފުރިހަމަ ބާރެއް އާސެނަލް އަށް ލިބޭނެއެވެ.