އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ޝެފީލްޑް ޔުނައިޓެޑް ކޮޅަށް އަލްޖީރިއާގެ ފޯވާޑް ރިޔާދު މަހްރޭޒް ކާމިޔާބު ކުރި ހެޓްރިކުން 3-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މެންޗެސްޓާ ސިޓީ އެފްއޭ ކަޕްގެ ފައިނަލަށް ދަތުރު ކުރިއިރު، އެ ޓީމު މީގެކުރިން ހަ ފަހަރެއްގެ މަތިން ވަނީ އެ ތަށި ކާމިޔާބުކޮށްފައެވެ. މި ސީޒަންގައި ސިޓީ އަށް ތިން ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ.

މެންޗެސްޓާ ސިޓީން ދާދި ފަހުން ވަނީ ބަޔާން މިއުނިކް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސިޓީ އަށް ޕްރިމިއާ ލީގުގެ ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލުގައި ސިޓީން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 42 ވަނަ މިނެޓުގައި މި ޕެނަލްޓީ ކާމިޔާބުކޮށް ދިނީ މަހްރޭޒްއެވެ.

ދެވަނަ ހާފްގެ 61 ވަނަ މިނެޓުގައި މަހްރޭޒް އިތުރު ގޯލެއް ޖެހިއިރު، އޭގެ ފަސް މިނެޓު ފަހުން އޭނާ ވަނީ ގޯލް ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިއީ ވޭތުވެދިޔަ 65 އަހަރު ތެރޭ އެފްއޭ ކަޕްގެ ސެމީ ފައިނަލެއްގައި ހެދި ފުރަތަމަ ހެޓްރިކެވެ. އެފްއޭ ކަޕް ސެމީއެއްގައި ހެޓްރިކެއް ހެދީ 1958 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އަލެކްސް ޑޯސަންއެވެ. އެހެންކަމުން ޑޯސަން އަތުގައި އޮތް މި ޒަމާންވީ ރިކޯޑު މުގުރާލީ މަހްރޭޒްއެވެ.

އެފްއޭ ކަޕް ފައިނަލުގައި ސިޓީއާ ބައްދަލު ކުރާނީ މިރޭ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އާއި ބްރައިޓަން ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.