ރެއާލް މެޑްރިޑުގެ ލެޖެންޑުން ބޭނުން ކުރި ހަތް ނަންބަރު ޖާޒީ ވިނީޝިއަސް ޖޫނިއާއަށް ދޭން ނިންމައިފިއެވެ.

މި ސީޒަނުގައި ރެއާލް މެޑްރިޑުގެ އެންމެ މޮޅު ކުޅުނެތެރިއަކަށް ހޮވުނު ވިނިޝިއަސް ވަނީ މި ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން ޖުމުލަ 23 ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރައުލް ފަދަ މެޑްރިޑްގެ ލެޖެންޑުން ވަނީ 1950 ގެ އަހަރުތަކުގައި ރޭމަންޑް ކޮޕާގެ ހަތް ނަންބަރު ޖާޒީ ލާފައެވެ. ނަމަވެސް ދާދި ފަހުން ދޫކޮށްލި ހަޒާޑް އެ ޖާޒީގައި ހަތަރު އަހަރު ހޭދަކުރި އިރު، އޭނާ އަށް ޖެހިފައިވަނީ ހަތް ލަނޑެވެ.

ވިނީޝިއަސްގެ 20 ނަންބަރު ޖާޒީގެ ބަދަލު އަންނަ ސީޒަނުގައި ބޭނުން ކުރާނީ ހަތް ނަންބަރު ޖާޒީ ކަމަށް ރެއާލް މެޑްރިޑުން ވަނީ ޓްވީޓް ކޮށްފައެވެ. އޭނާގެ އިތުރުން ރޮޑްރިގޯގެ ނަންބަރު ބަދަލުވާ ކަމަށް އެ ކުލަބުން ވަނީ އިއުލާނުކޮށްފައެވެ. ކުރިން 21 ނަންބަރު ގެންގުޅުނު ރޮޑްރިގޯގެ އާ ނަންބަރަކީ 11 އެވެ.

ނިމިދިޔަ ސީޒަނުގައި ރެއާލްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން ދިޔަ މި ދެ ކުޅުންތެރިންގެ ނަމްބަރު އެ ކުލަބުން ބަދަލު ކުރި އިރު، ނަސްލީ ތަފާތު ކުރުންތަކާއި ގުޅިގެން ވިނިޝިއަސް ރިއަލް މެޑުރިޑު ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަ ތަކެއްވެސް ވަނީ ފެންމަތި ވެފައެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށް ކުލަބުގައި މަޑު ކުރާނެކަން އިއުލާނުކޮށްފައެވެ.

ދާދި ފަހުން ރެއާލް މެޑްރިޑުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކެޕްޓަން ކަރިމް ބެންޒެމާ ވަނީ އެކުލަބު ދޫކޮށް ސައުދީގެ އަލް އިއްތިހާދަށް ބަދަލުވެފައެވެ. މީގެ އިތުރުން މާކޯ އަސެންސިއޯވެސް ވަނީ އެކުލަބު ދޫކޮށްލައިފައެވެ.