ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ މިހާރު އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދެން އެއްބަސްވުން އާ ނުކުރާނެ ކަމަށް އޭނާ އެ ކުލަބަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މިސީޒަނުގެ ފްރާންސް ލީގުގައި އެމްބާޕޭ ޖެހި 29 ގޯލާއެކު ޖެހިޖެހިގެން ފަސްވަނަ ފަހަރަށް އޭނާ ވަނީ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. ޕީއެސްޖީން މިސީޒަނުގެ ފްރާންސް ލީގު ޗެމްޕިއަންކަން ހޯދި ނަމަވެސް، އެމްބާޕޭ ހުރީ މުޅިން ހިތްހަމަޖެހިފައެއް ނޫނެވެ.

މިސީޒަނުގައި ޕީއެސްޖީގައި ވަނީ ގިނަ މައްސަލަތަކެއް ޖެހިފައެވެ. އެ މައްސަލަތަކަށްފަހު މި ސީޒަން ނިމުމާއެކު ކޮންޓްރެކްޓް ނިމުމަކަށް އައުމުން އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް، ޕީއެސްޖީ ދޫކޮށް ދިއުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ބްރެޒިލް ތަރި ނޭމާ ވެސް ޕީއެސްޖީ ދޫކޮށް ދިއުމަށް މަސައްކަތްކުރަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އޮތްއިރު، އޭނާ ބަހައްޓަން ޕީއެސްޖީން ބޭނުންވާނެއެވެ. ޕީއެސްޖީއާއެކު އެންމެ ފުރަތަމަ އެމްބާޕޭ ސޮއި ކުރި ދާއިމީ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިދިޔަ ސީޒަނުގެ ނިޔަލަށެވެ.

އެއާއެކު އޭނާ އެ ކުލަބު ދޫކޮށް، ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް ޕީއެސްޖީން ވަނީ އެމްބާޕޭގެ އެއްބަސްވުން ދެ އަހަރަށް އައު ކޮށްފައެވެ. އޭނާ ރެއާލަށް ނޫނެކޭ ބުނީ ފަހު ވަގުތު ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ. އޭރު އެމްބާޕޭ ޕީއެސްޖީގެ އެއްބަސްވުން އައު ކުރީ ކުލަބުން އޭނާ އަށް ބޮޑެތި ބާރުތަކެއް ވެސް ލިބޭ ގޮތަށެވެ.

ޕީއެސްޖީގެ އެއްބަސްވުން އެމްބާޕޭ އާ ނުކޮށްފި ނަމަ، ކުލަބުން ވިސްނަނީ ހިލޭ ޓްރާންސްފާއެއްގެ ބަދަލުގައި، ރަނގަޅު އަގެއް ލިބޭ ގޮތަށް އޭނާ ދޫކޮށްލަން ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން އާ އެއްބަސްވުމެއްގައި އެމްބާޕޭ ލައްވާ ސޮއި ކުރުމަށް ޕީއެސްޖީން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.